ފްލައިޓުތަކާ ބެހޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އެދިއްޖެ

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ/ އިވާން ކޮރްޔަކޯވް (ޕްލޭންސްޕޮޓާޒް)

ރޭގެ ކޮލޮމްބޯއިން މާލެއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ސްރީލަންކަން އެއާލައިންސްގެ ފްލައިޓަށް ފުރޭގޮތް ނުވީ ފްލައިޓު ފުރުން ލަސްވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފައިވާ ވަގުތަކަށް ދިމާވުމުން ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަން ސާވިސެސްއިން ބުނެފިއެވެ.

އޭސް އޭވިއޭޝަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ ރާއްޖޭގެ ނޫސްތަކާއި ޓީވީ ޗެނަލްތަކުން ސްރީލަންކަން އެއާލައިންސްގެ ފްލައިޓާ ގުޅިގެން ފަތުރާފައިވަނީ ރަނގަޅު ޚަބަރެއް ނޫން ކަމަށެވެ.

ސްރީލަންކަންގެ ޖީއެސްއޭ ކުންފުނިން ބުނި ގޮތުގައި ފްލައިޓު ޔޫއެލް109 ޑިލޭވުމުން ފުރާ ގަޑި ލަސްވީ ކަމަށާއި، މާލެއަށް ވާސިލުވާ ވަގުތު ދިމާވަނީ ވެލާނާ އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފައި އޮންނާނެ ވަގުތަކާ ކަމުން، ފްލައިޓު ކެންސަލްް ކުރީ ކަމަށެވެ.

"ނަމަވެސް ފްލައިޓު ޔޫއެލް109 މިއަދު ހެނދުނު ވަނީ އޮޕަރޭޓުކޮށް، މިއަދު ހެނދުނު 9:40 ގައި މާލެ އައިސްފައި،" އޭސް އޭވިއޭޝަންއިން ބުންޏެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބަންދުކުރާ މުއްދަތާއި ވަގުތުތައް ހިމެނޭ ނޯޓިސް ޓު އެއާމެން (ނޯޓެމް)ވެސް އެއާލައިނުތަކަށް ދީފައިވާ ކަމަށް އޭސް އޭވިއޭޝަނުން ފާހަގަކުރިއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުންގާ އެމްއޭސީއެލްއިން ދަނީ އެއާޕޯޓުގެ އަޕްޑޭޓުތަކާ ބެހޭ މައުލޫމާތުތައް އަބަދުވެސް ހިއްސާކުރަމުން ކަމަށް އޭސް އޭވިއޭޝަނުން ބުންޏެވެ.

އެކުންފުނިން ބުނީ، ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ފްލައިޓު އޮޕަރޭޝަންތަކާ ބެހޭގޮތުންވެސް ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

comment ކޮމެންޓް