ޕާކިސްތާނާއި އިންޑިއާ ގުޅޭ ބޯޑަރު ކައިރީ ވަރުގަދަ ހަމަލާތަކެއް

ހަމަލާތަކުގެ ސަބަބުން ލައިން އޮފް ކޮންޓްރޯލް ކައިރީ ދިރިއުޅޭ 1،000 އަށް ވުރެ ގިނަ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ގޮސްފައި -- ފޮޓޯ: އަލްޖަޒީރާ

ސްރީނަގަރު (ފެބްރުއަރީ 26): ކަޝްމީރުގައި އިންޑިއާ އާއި ޕާކިސްތާނުން ވެރިކަން ކުރާ ސަރަހައްދުތައް ވަކި ކުރާ ލައިން އޮފް ކޮންޓްރޯލް ކައިރީ އެ ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ދެގައުމުން އެހަމަލާތައް ދޭން ފެށީ ޖައްމޫ ސިޓީގައި ހުންނަ އިންޑިއާ އަސްކަރިއްޔާގެ ކޭމްޕަކަށް ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާއެއްގައި ހަތް އިންޑިއާ ސިފައިން މަރުވުމުންނެވެ. އަދި އެހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާން ކަމަށް އިންޑިއާ އިން ތުހުމަތު ކުރި ފަހުންނެވެ.

ޖައްމޫ އެންޑް ކަޝްމީރުގައި އޮންނަ ބަރަމުﷲ ޑިސްޓްރިކްޓުގެ ޑެޕިއުޓީ ކޮމިޝަނަރު ނާސިރު އަހުމަދު ނަގަޝް ވިދާޅުވި ގޮތުގައި އެއީ ފާއިތުވި 15 އަހަރު ދެ ގައުމުން ބަދަލު ކުރި އެންމެ ވަރުގަދަ ހަމަލާތަކެވެ. އަދި އޭގެ ސަބަބުން ލައިން އޮފް ކޮންޓްރޯލް ކައިރީ ދިރިއުޅޭ 1،000 އަށް ވުރެ ގިނަ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ގޮސްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ދެ ގައުމުން ހަމަލާ ބަދަލު ކުރުމުގެ ސަބަބުން ކަޝްމީރުގައި އިންޑިއާ އިން ވެރިކަން ކުރާ ސަރަހައްދުން ވަނީ މި އަހަރު ފެށުނު ފަހުން 15 މީހަކު މަރުވެފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް