ހާލުބޮޑު ބަލި މީހަކު މާމިގިލިން ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

މާމިގިލިން ގެނައި ބަލި މީހާ ހެލިކޮޕްޓަރުން ބާލައިގެން ގެންދަނީ -- ފޮޓޯ/ އެމްއެންޑީއެފް

އދ. މާމިގިލީގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި ރޭ މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާމިގިލީ، ނޫފަރު ލީނާ އިބްރާހީމް، 38، މާލެ ގެނެސްފައި ވަނީ ރޭ ދަންވަރު އެކެއް ޖެހިއިރު ކަމަށެވެ.

ސަން އާ ވާހަކަ ދެއްކި ލީނާގެ އާއިލާގެ މީހަކު ބުނީ، ލީނާ ސައިކަލެއްގެ ފަހަތުގައި އިންދައި ހެދުން ސައިކަލްގެ ފުރޮޅުގައި އޮޅިގެން ވެއްޓި ބިންމަތީގައި ޖެހި ހޭނިތުނީ ކަމަށެވެ. އަދި އޭނާ ހެނިތިފައި ދެތިން ގަޑިއިރު ވަންދެން އޮތް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ލީނާ ގޮވައިގެން ހެލިކޮޕްޓަރު ހުޅުލޭގައި ޖެއްސި އިރު ރަންވޭމަތީގައި އެމްބިއުލާންސް އޮތް ކަމަށާއި އަދި މާލެ އައުމަށް ސީ އެމްބިއުލާންސް ހުޅުލޭގައި އޮތް ކަމަށެވެ. އޭގެ އިތުރު ލޯންޗު މާލެ އައި އިރު އަނެއް އެމްބިއުލާންސް ފާލަން ކައިރީގައި އޮތް ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އޭނާގެ އާއިލާގެ މެމްބަރަކަށް ދިމާވި މިފަދަ ކަމެއްގައި ދިވެހި ސަރުކާރުން ކަންކަންކޮށްދިން ގޮތުން އޭނާ ސަރުކާރުގެ ވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އޭނާ ބުނީ ލީނާ އަށް ފަރުވާދިނުމަށް ފަހު މިއަދު ހެނދުނު ގެއަށް ފޮނުވާލާފައިވާ ކަމަށާއި ނަސީބަކުން ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް