އެސް 8ގެ ޑިޒައިން ނަމަވެސް އެސް9 ތަފާތުވާނެ!

އެސް9 ---

ސެމްސަންގް ގެ ނޯޓް 7 އަކީ އެކުންފުންޏަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. ފޯނުގެ ބެޓެރީ ގޮވައިގެން އެތައް ކަސްޓަމަރުންނަށް ބަދަލުދޭން ޖެހުނެވެ. އެ އަޑިގަޑުން ސެމްސަންގް އަރައިގަރީ ގެލެކްސީ އެސް8 އާ އެކުގައެވެ.

މިދިޔަ އަހަރު ނެރުނު އެސް8 އަކީ އަހަރުގެ އެންމެ ކާމިޔާބު ފޯނުތަކުގެ ކުރީގައި ގުނާލެވޭނެ ފޯނެކެވެ.

އެސް 8ގެ ކާމިޔާބީއަށްފަހު ސެމްސަންގުން ރޭ ވަނީ ގެލެކްސީ އެސް 9 ސީރީޒް ލޯންޗްކޮށްފައެވެ. ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސްގެ ތެރެއިން ނެރުނު މި ފޯނަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުވާލާނެއެވެ. ސެމްސަންގްގެ އައުޓްލެޓުތަކުންނާއި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުންގެ ފިހާރަތަކުން އަންނަ މަހުގެ 16 އިންފެށިގެން ގަންނަން ލިބޭނެއެވެ.

އެސް9 ގެ އަގު އުޅޭނީ 719.99 ޑޮލަރުގައެވެ. އެސް 9 ޕްލަސްގެ އަގު އުޅެނީ 839.99 ޑޮލަރުގައެވެ.

އެސް8 އާ އަޅާބަލާއިރު އެސް9ގެ ހުރި އެއްގޮތް ކަމަކީ އޭގެ ޑިޒައިނެވެ. އިތުރު ފީޗާސްތަކަކީ އެސް9 އަށް ހާއްސަ ފީޗާސްތަކެވެ. ގްލާސް ފްރަންޓް އަދި ބެކް މި ފޯނުގެ ބޮޑުމިނަކީ 5.8 އިންޗި (އެސް9) އަދި 6.2 އިންޗި (އެސް9 ޕްލަސް) އެވެ. 2960*1440 ޕިކްސެލް ރިޒޮލިއޝަންގެ މި ފޯނުގެ ޑިޒައިންގެ ތަފާތަކީ ކުރިން ކެމެރާގެ ކަނާތު ފަޅީގައި އިންނަ ފިންގާ ޕްރިންޓް ސްކޭނާ ކެމެރާގެ ތިރިއަށް ޖައްސާފައި އިނުމެވެ. މިއީ ފޯނު ބޭނުންކުރާ މީހުންނަށް ފަސޭހަ ބަދަލަކަށް ވާނެ ކަމަށް ސެމްސަންގުން ބުނެއެވެ.

ފޯނުގައި ހިމެނެނީ 3.5 އެމްއެމްގެ ހެޑްފޯނު ޖެކެކެވެ. ނަމަވެސް އެސް9 ގެ ސްޓީރިއޯ ސްޕީކަރާއެކު އެސް8 އާ އަޅާބަލާއިރު ފޯނުގެ ސްޕީކަަރުގެ އަޑު 40 ޕަސެންޓު ގަދަވާނެއެވެ.

އެސް9 ސީރީޒްގެ ނޯތު އެމެރިކާއަށް ހާއްސަ ފޯނުތަކުގައި ހިމެނެނީ ކުއެލްކޮމްގެ ސްނެޕްޑްރެގަން 845 ޕްރޮސެސާއެކެވެ. އެހެން ސަރަހައްދުތަކަށް ހާއްސަ ފޯނުގައި އިންނާނީ ސެމްސަންގްގެ އެންމެ ފަހުގެ އެކްސިނޯސް ޕްރޮސެސާއެކެވެ. އެެއީ އެސް 9 ގައި 4 ޖީބީ އަދި އެސް9 ޕްލަސްގައި 6ޖީބީގެ ރެމް އަކާ އެކުއެވެ.

މި ދެ ފޯނުގައިވެސް ހިމެނެނީ 64 ޖީބީގެ މެމޮރީއެކެވެ. މައިކްރޯ އެސްޑީ އާއެކު 400 ޖީބީއަށް ސްޓޯރޭޖް ބޮޑުކޮށްލެވޭނެއެވެ. 3000 މިލިއޭމްޕް ޕާ އަވާގެ ބެޓެރީއެސް އެސް9 ގައި ހިމެނޭއިރު އެސް9 ޕްލަސްގައި ހިމެނެނީ 3500 މިލިއޭމްޕް ޕާ އަވާގެ ބެޓެރީ އެކެވެ. ވަޔަލެސްކޮށްވެސް އަދި ވަޔާޑް ކޮށްވެސް ފާސްޓް ޗާޖް ކޮށްލެވޭނެއެވެ.

އެސް9 ގެ އެންމެ ފާހަގަކޮށްލެވެނީ އޭގެ ކެމެރާ އެވެ. ސިންގަލް ލެންސެއް ނަމަވެސް މިއީ ސެމްސަންގެ ފުރަތަމަ މެކޭނިކަލީ އެޖަސްޓެބްލް އެޕާޗާ ކެމެރާއެވެ. އަނދިރި ސަރަހައްދުތަކުގައިވެސް އަމިއްލައަށް އެޖަސްޓްވާނެއެވެ. މިއާއެކު އޯޗާ އެކްސްޕޯޒާގެ ސަބަބުން ފޮޓޯ ހަޑިވުމަށް ހައްލު ލިބޭނެއެވެ.

މީގެ އިތުރުން ފޯނުގައި 12 މެގަޕިކްސެލްގެ ކެމެރާގައި ސެކަންޑް ޖެނެރޭޝަން ޑުއަލް ޕިކްސެލް އޮޓޯފޯކަސް ޓެކްނޮލަޖީ ހިމެނޭނެއެވެ. މިއާއެކު ނޮއިސް ރިޑަކްޝަން 30 ޕަސެންޓް ރަނގަޅުކޮށްދޭނެއެވެ. އެސް9 ގެ ދެވަނަ ރެއާ ކެމެރާގައި ވޭރިއެބަލް އެޕާޗާ ފީޗާ ނެތް ނަމަވެސް ނޯޓް8ގެ ޑުއަލް ކެމެރާ އާ އެއްގޮތަށް ފަންކްޝަން ކުރާނެއެވެ.

ފްރަންޓް ކެމެރާ އަށް ބަލާއިރު ފްރަންޓް ކެމެރާ އަކީ އަށް މެގަޕިކްސެލްގެ f/1.7 އޮޓޯފޯކަސް ކެމެރާ އެކެވެ.

މި ފޯނުގެ ދެން ފާހަގަކޮށލެވޭ އަނެއް ކަމަކީ އެނިމޯޖީ އެވެ. މިއީ މޫނުގެ 3ޑީ ފޮޓޯއެއް ނެގުމަށްފަހު، މޫނުގެ ފީޗާސްތަކާ އެއްގޮތަށް 3ޑީ ކެރެކްޓާއއް ބިލްޑް ކުރާނެއެވެ. މީގެ އިތުރުން 18 އެނިމޭޓެޑް ޖިފް ސްޓިކާވެސް މި ފީޗާ ބޭނުންކޮށްގެން ހެދޭނެއެވެ. މި ސްޓިކާ އަކަކީ ކީބޯޑުން އެކްސެސް ވެވޭނެ، މެސެޖިން އެޕްލިކޭޝަންތަކުގައިވެސް ބޭނުންކުރެވޭނެ ޖިފް ތަކެކެވެ. މިއީ "ތްރީ ޑީ ބިޓްމޯޖީ" އެކެވެ.

ފޯނު ބާޒާރަށް ނެރޭއިރު ނެރޭނީ އޯރިއޯ 8.0 އޯއެސް އާއެކުއެވެ. ސެމްސަންގްގެ ބިކްސްބީ އެޕް އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު ނޯޓް8 އާއެކު ނެރުނު ވީއާރް ގިޔާ ވެސް މި ފޯނަށް ސަޕޯޓުކުރާނެއެވެ.

ފޯނު ބާޒާރަށް ނެރޭނީ ކަޅު، ނޫ އަދި ދަނބު ކުލައިންނެވެ. އެމެރިކާ ފިޔަވައި އެހެން ގައުމުތަކުގައި އަޅި ކުލައިންވެސް ފޯނު ލިބެން ހުންނާނެއެވެ.

comment ކޮމެންޓް