ގަލްފުގެ ކަލިނަރީ ޗެލެންޖްގައި ރާއްޖޭގެ ތިން ޝެފުންނަށް ފަޚުރުވެރި ކާމިޔާބީއެއް

ސީޖީއެމް އާއެކު ރާއްޖޭގެ ތިން ޝެފުން ގަލްފްގެ އެންމެ ބޮޑު ކަލިނަރީ ޗެލެންޗްގައި ބައިވެރިވެ ކާމިޔާބީ ހޯދުން -- ފޮޓޯ/ ސީޖީއެމް

ޝެފް ގިލްޑް މޯލްޑިވްސް (ސީޖީއެމް) އާއެކު ރާއްޖޭގެ ތިން ޝެފުން ގަލްފްގައި ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖް "ގަލްފޫޑް"ގައި ބައިވެރިވެ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ހާޞިލުކޮށްފިއެވެ.

ދުބާއީގައި މި މަހުގެ 18 އިން 22 އަށް ކުރިއަށްގެންދިޔަ އެ ޗެލެންޖްގައި ރާއްޖެއިން ބައިވެރިވެފައިވަނީ، ބަރޮސް މޯލްޑިވްސްގައި މަސައްކަތް ކުރާ ޝެފް އިބްރާހިމް ނާތިފް، ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ޝެފް ޔޫސުފް ނާސިމް ހުސައިން އަދި ހުޅުލޭ އައިލެންޑް ހޮޓެލްގެ ޝެފް އިބްރާހިމް ނައީމް އެވެ.

ސީޖީއެމް އާއެކު ރާއްޖޭގެ ތިން ޝެފުން ގަލްފްގެ އެންމެ ބޮޑު ކަލިނަރީ ޗެލެންޗްގައި ބައިވެރިވުން -- ފޮޓޯ/ ސީޖީއެމް

އެ މުބާރާތުގައި ދިވެހިޓީމުން ހޯދި ކާމިޔާބީ ތަކަކީ:

  • ޝެފް އިބްރާޙިމް ނާތިފް – ގޯލްޑް މެޑަލް (ހޮޓް ކުކިންގ ބީފް އަދި މެރިޓް ހޮޓް ކުކިންގ ސީފުޑް)
  • ޝެފް އިބްރާޙިމް ނައީމް – ބްރޮންޒް މެޑަލް (ހޮޓް ކުކިންގ ސީފުޑް)
  • ޝެފް ޔޫސުފް ނާސިމް – މެރިޓް (ހޮޓް ކުކިންގ ބީފް އެންޑް ޗިކަން)

ސަން އަން މައުލޫމާތު ދެމުން ސީޖީއެމްގެ ފަރާތުން ބުނީ، ދުބާއީގައި ބާއްވާ އެ ޗެލެންޖުގައި ބައިވެރިވުމަށް ހޮވާފައިވާ ތިން ޝެފުންނަކީ މިދިޔަ އަހަރު ބޭއްވި ފޫޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގައި ބައިވެރިވި ޝެފުންގެ ތެރެއިން އެންމެ މޮޅު ތިން ޝެފުން ކަމަށެވެ.

ސީޖީއެމް އާއެކު ރާއްޖޭގެ ތިން ޝެފުން ގަލްފްގެ އެންމެ ބޮޑު ކަލިނަރީ ޗެލެންޗްގައި ބައިވެރިވެ ކާމިޔާބީ ހޯދުން -- ފޮޓޯ/ ސީޖީއެމް

ސީޖީއެމްއިން ބުނީ އެ މުބާރާތަކީ ވަކިވަކި ޝެފުން ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު ކަލިނަރީ މުބާރާތް ކަމަށެވެ. އަދި އެ މުބާރާތުގައި ދިވެހިރާއްޖެއިން ވާދަކުރި މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ސީޖީއެމްއިން ބުންޏެވެ.

ޖުމުލަ 29 ކެޓެގަރީއަކަށް ބަހާލާފައިވާ އެ މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން 3000 އަށްވުރެ ގިނަ ޝެފުން ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި އިންސާފުކޮށްފައިވަނީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް އެންޑް ސޮސައިޓީސް (ވެކްސް)ގެ 30 މެމްބަރުންގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލްއަކުންނެވެ. މިޕެނަލްގައި ދުނިޔެއަށް މަޝްހޫރު ވަރަށް ގިނަ ކަލިނަރީ ޖަޖުން ހިމެނިފައިވެއެވެ.

comment ކޮމެންޓް