ފަހުވަގުތު ކޭން ޖެހި ގޯލާއެކު ޓޮޓެންހަމްއަށް މޮޅެއް

ހޭރީ ކޭންގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގެ ފަހުވަތުގައި ހެރީ ކޭން ޖެހި ގޯލާއެކު ޓޮޓެންހަމްއިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޕެލެސްއަށްވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން އެ މެޗަށް ނުކުތްއިރު ޕެލެސްގެ ސީނިއާ 12 ކުޅުންތެރިން ތިބީ އަނިޔާގައެވެ. އޭގެ ތެރޭގައި އެޓީމުގެ ހަލުވި ވިންގާ ވިލްފްރެޑް ޒަހާވެސް ހުރީ އަނިޔާގައެވެ.

މެޗުގެ ފުރަތަމަ ހާފްގައިވެސް ޑޮމިނޭޓްކޮށް ކުޅުނީ ޓޮޓެންހަމްއިންނެވެ. ފުރަތަމަ ހާފްގައި ޓޮޓެންހަމްއަށް ރައްކާތެރި ގިނަ ހަމަލާތަކެއް ނުއުފެއްދުނު ނަމަވެސް ދެވަނަ ހާފްގައި އެޓީމުންވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ.

މިރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގައި ޓޮޓެންހަމްއިން އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެލެސްގެ ކީޕަރު ވޭން ހެނަސީއެވެ. ގިނަ ހަމަލާތަކެެއް އުފައްދަމުން ދިޔަ ޓޮޓެންހަމްއިން ލީޑު ނެގީ މެޗުގެ 89 ވަނަ މިނެޓުގައެވެ. ކޭން ޖެހި ގޯލާއެކު ޓޮޓެންހަމްއިން ލީޑު ނެގީ ފުލުފުލުގައި އުފެއްދި ދެ ހަމަލާއެއް ނާކާމިޔާބުވެސް ކޮށްލައިފައެވެ.

މިރޭގެ މެޗު ކާމިޔާބުކޮށް ޓޮޓެންހަމްވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. މިވަގުތު ތިންވަނައިގައި އޮތް ޔުނައިޓެޑަށް 28 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި ޗެލްސީ އޮތީ 28 މެޗުން 55 ޕޮއިންޓެވެ. އެ އަދަދަށް މެޗު ކުޅެ ޓޮޓެންހަމް ހަތަރުވަނައިގައި އޮތީ 55 ޕޮއިންޓާ އެކުގައެވެ.

ޓޮޓެންހަމްއާއި ޕެލެސް ވާދަކުރި މެޗުގެ ތެރެއިން ޓޮޓެންހަމްގެ މިޑްފީލްޑަރު ޑެލީ އަލީ --- ފޮޓޯ/ އޭޕީ

ޗެމްޕިއަންސް ލީގުގެ މެޗުތަކާއެކު ބުރަ ޝެޑުއުލެއްގައި ކުޅެމުންދާ ޓޮޓެންހަމްއިން އެންމެފަހުން ކުޅުނު 10 ލީގު މެޗުން މޮޅުވީ ތިން މެޗަކުންނެވެ.

comment ކޮމެންޓް