ފަހަތުން އަރައި ވިކްޓަރީ ބަލިކޮށް އީގަލްސްއަށް ފަސޭހަ މޮޅެއް

މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓްރީ، އީގަލްސް ބައްދަލުކުރި މެޗު ނިމުނީ 4-1 ލަނޑުން އީގަލް މޮޅުވެގެން -- ސަން ފައިލް ފޮޓޯ

މާލޭ ލީގުގެ ފުރަތަމަ މެޗުގައި، ފަހަތުންއަރައި ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށް ކްލަބު އީގަލްސްއިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ވިކްޓްރީ ކުރީގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފްގައި އީގަލްސްވަނީ ހަތަރު ގޯލް ޖަހައި މެޗު އަނބުރާލައިފައެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގައި ދެޓީމުންކުރެ އެއްވެސް ޓީމަކުން ނުރައްކާތެރި ހަމަލާއެއް ފެނިފައެއް ނުވެއެވެ. ފުރަތަމަ ކޮޅުގައި އީގަލްސްގެ ކުރިއަށް ކުޅެމުންދިޔަ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ނާއިމްގެ ފަރާތުން ދެ ހަމަލާއެއް ފެނިގެންދިޔަ ނަމަވެސް، މާބޮޑު ނުރައްކަލެއް ނުފެނެއެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ވިކްޓްރީންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ވިކްޓްރީން ލީޑު ނެގީ ލިބުނު ކޯނަރަކުންނެވެ. އޭންހަލް ކަރެސްކޯ މުނޯޒްގެ ކޯނަރު ބޮލުން ގޯލަށް ފޮނުވާލީ ވިކްޓްރީއަށް މިދިޔަ ހަފްތާ ތެރޭގައި ގުޅުނު ހަންގޭރީގެ ފޯވަޑް ސިމިއަން ޓީބޯ ސޯޑާސްއެވެ.

ވިކްޓްރީން ގޯލް ޖެހުމަށްފަހު ހަމަޖެހިލިތަން ފެނުނުއިރު، އީގަލްސްއިންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެދުތެރެއިން އިބްރާހީމް މުބީން (މުއްކި) ތަނަވަސްކޮށްދިން ދެ ފުރުސަތަކަށް ނާއިމްއާއި އީގަލްސްގެ ބްރެޒިލް ފޯވަޑް ލުއިޒް އެޑުވާޑޯ ވިކްޓްރީގެ އޭރިއާ ތެރެއަށް ވަން ނަމަވެސް، ދެ ފުރުސަތުވެސް ވަނީ ނާކާމިޔާބުވެފައެވެ.

މީގެ އިތުރުންވެސް ފުރަތަމަ ހާފްގައި އީގަލްސްގެ އަރިމަތިން ކުޅެމުންދިޔަ ޖުމައްޔިލު ޖަމީލް، ވިކްޓްރީގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) އެވެ.

ދެވަނަ ހާފް ފެށިގެން މެޗުގެ 48 ވަނަ މިނެޓުގައި އީގަލްސްއިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނާއިމްގެ ރިތި ގޯލުން ނަތީޖާ ހަމަހަމަކޮށް ވަރުގަދައަށް ކުޅެމުންދިޔަ ވިކްޓްރީން ލީޑު ނެގީ މެޗުގެ 65 ވަނަ މިނެޓުގައެވެ. އީގަލްސްއަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ބްރެޒިލް ފޯވަޑް ލުއިޒްއެވެ.

ލީޑު ނަގައި އީގަލްސްއިންވަނީ މެޗުގެ ކުޅުން ޑޮމިނޭޓްކޮށްފައެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި އީގަލްސްއިން ލީޑު ފުޅާކުރިއެވެ. ވިކްޓްރީ ޑިފެންސްގެ ކަނާތް ފަރާތު އަރިމަތިން، އީގަލްސްގެ ލުއިޒް ތަނަވަސްކުރި ފުރުސަތު، ހަންނަ ނިންމާލީ ވިކްޓްރީގެ ޑިފެންޑަރު ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެއެވެ.

މެޗުގައި އީގަލްސްގެ ހަތަރުވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މި މެޗުގެ ފުރަތަމަ 11 އިން ރިޒޭ ނުފެނުނު ނަމަވެސް މެޗު އަނބުރާލުމުގައި އޭނާގެ ހިއްސާ ބޮޑެވެ.

މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.

comment ކޮމެންޓް