ރެކޯޑު އަދަދެއްގެ ބައިވެރިންނާއެކު އައިޓީބީ ފެއާއަށް ރާއްޖެ ތައްޔާރު

ރާއްޖެއިން ބައިވެރިވެފައިވާ އައިޓީބީ ފެއާގެ ތެރެއިން ރާއްޖޭގެ ސްޓޭންޑް -- ފޮޓޯ/ ވިޒިޓްމޯލްޑިވްސް

އަންނަ މަހުގެ ހަތަކުން 11 އަށް ޖަރުމަނުގެ ވެރިރަށް ބާލިންގައި އޮންނަ "އައިޓީބީ ބާލިން ފެއާ 2018" އަށް ރާއްޖޭގެ 268 ފަރާތަކާ އެކު އެމްއެމްޕީރުސީން ތައްޔާރުވެއްޖެއެވެ.

މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި އައިޓީބީ ޕްރީ މީޓިންގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ، ކޮންމެ އަހަރަކުވެސް އެމްއެމްޕީއާރުސީން ބައިވެރިވަމުން އަންނަ އެ ފެއާގައި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު 104 ކުންފުންޏަކުން ބައިވެރިވާކަމަށެވެ. އަދި މިއަހަރުގެ އެ އަދަދަކީ ރެކޯޑު އަދަދެއްކަމަށްވެސް ހާރިސް ވިދާޅުވިއެވެ.

"ރާއްޖޭގަ މިވަގުތު އޮތީ 130 ވަރަކަށް ރިސޯޓް ރަޖިސްޓްރީވެފަ. އޭގެތެރެއިން 104 ވަރަކަށް އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވޭ. މިހާތަނަށް ތާރީހުގައިވެސް [ރާއްޖެއިން] އެންމެ ގިނަ އަދަދަކަށް މީހުން ބައިވެރިވާ ފަހަރު މިއީ،" ހާރިސް ވިދާޅުވިއެވެ.

ހާރިސް ވިދާޅުވީ، ރާއްޖެއިން ބައިވެރިވާ ފަރާތްތަކާއެކުގައި އައިޓީބީ ބާލިން ފެއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާއްވާނެ ކަމަށެވެ.

"އެހެން އަހަރުތަކޭ އެއްފަދައިން އަޅުގަނޑުމެން ސްޓޭންޑްގައި އެކި ކޮންސެޕްޓްތައް ހިމެނިފައި ހުންނާނެ. އޭގެ ތެރޭގައި ރާއްޖޭގެ ރީތިކަމާއި، ރާއްޖޭގެ އަމާންކަމާއި، ރާއްޖޭގެ އޮމާންކަމާއި، މާހައުލުގެ ސާފުކަމާއި ގުދުރަތުން ދެއްވާފައި ހުރި ހުރިހާ ވަސީލަތްތަކުގެ ފުރިހަމަކަން ސްޓޭންޑުން ދެއްކިފައި ހުންނާނެ" ހާރިސް ވިދާޅުވިއެވެ.

މިފަހަރު އެ ފެއާގައި ރާއްޖޭގެ ސްޓޭންޑް ވެގެންދާނީ ބޭރުގެ ފެއާއެއްގައި ރާއްޖެއިން ފަރުމާކޮށްފައިވާ އެންމެ ފުރިހަމަ ސްޓޭންޑަށް ކަމަށްވެސް ހާރިސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން އިންތިޒާމުކޮށްގެން ރާއްޖޭގެ ކުންފުނިތަކުން އައިޓީބީ ބާލިން ފެއާގައި ބައިވެރިވާއިރު، އެ ފެއާއަކީ ދުނިޔޭގެ ޓޫރިޒަމް މާކެޓު އެއްތަނަކަށް ގެނެސް އެ ދާއިރާގެ ވިޔަފާރީގެ ބޮޑެތި ޑީލުތަކެއް ނިންމާ ފެއާއެކެވެ. މި ފެއާއަށް ކޮންމެ އަހަރަކު ވެސް 120،000 އަށް ވުރެ ގިނަ ވިޔަފާރިވެރިން ޒިޔާރަތްކުރެއެވެ.

އަދި އެ ފެއާއަށް ޒިޔާރަތް ކުރާ އަމިއްލަ ފަރާތްތަކުގެ އަދަދު ކޮންމެ އަހަރަކު ވެސް 60،000 އަށް ވުރެ ގިނައެވެ.

މީގެ އިތުރުން ކޮންވެންޝަން ވިޒިޓަރުންގެ ގޮތުގައި އައިޓީޞީ ބާލިންއަށް ކޮންމެ އަހަރަކު ވެސް 26،000 މީހުން ޒިޔާރަތް ކުރެއެވެ.

comment ކޮމެންޓް