ހަސަން ރަސްގެފާނު ލިސްޓަށް ބަޔަކު އިތުރުވަމުން އެބަ ދޭ: އަދުރޭ

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

"ހަސަން ރަސްގެފާނު" ލިސްޓަށް އެތައް ބަޔަކު މިހާރު އިތުރުވަމުންދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސެއްގައި އަދުރޭ ވަނީ ރާއްޖެ އިން ބޭރުގައި ތިއްބެވި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުކުރައްވައިފަ އެވެ.

އެގޮތުން، ޖުމްހޫރީ ޕާޓީގެެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދަށް ނިސްބަތްކުރައްވައި އަދުރޭ ފާޑު ވިދާޅުވި އެވެ.

ޖަރުމަނުގައި މިހާރު ހުންނެވި ގާސިމް އިއްޔެ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ނުދެއްވާކަމަށް ހުވާ ކުރައްވައިފަ އެވެ.

ނަމަވެސް ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ، ފަނޑިޔާރުންނަށް ގާސިމް ރިޝްވަތު ދެއްވި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އޭގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ވާހަކަ ދައްކަވާތީ އަދުރޭ ނުރުހުން ފާޅުކުރެއްވި އެވެ.

"ކީއްވެގެންތޯ ތިމާގެ އަމިއްލަ ފަސްގަނޑުގައި ދިރިއުޅެން ނުކެރޭ މީހުން އެ ފަސްގަނޑުގައި ހިނގަމުންދާ ކަންކަމާ ބެހެންވީ. ގަޓު ހުރި ކަމަށް ވަންޏާ މާލެ އައިސް، ރާއްޖޭގައި ތިބެގެން ރައްޔިތުންނާ ކުރިމަތިލައްވަންވީ ނޫންތޯ. މިތާގައި ތިބެގެން ސަރުކާރު ޖަވާބުދާރީ ކުރަންވީ ނޫންތޯ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގޯއާއަށް ވަޑައިގެންނެވި ނުވަވަނަ ހަސަން ރަސްގެފާނުގެ ލިސްޓަށް ބަޔަކު ވަނީ އިތުރުވެފައި ކަމަށެވެ.

"ގޯއާއަށް ވަޑައިގެންނެވި ހަސަން ރަސްގެފާނު ވާހަކަ އަޑު އައްސަވާނެ. ވެރިކަން ހޯދަން ގޯއާއަށް ވަޑައިގެން ކްރިސްޓިއަން ދީނު ގަބޫލުކޮށް، މި ރާއްޖެއާ ތޮޅެން މީހުން ފޮނުވުމާއި މިއާ ކޮބައިތޯ ތަފާތަކީ،" އަދުރޭ ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ގެނެވުނު ގޮތަކަށް ރާއްޖެ ގެންނަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް