ރޭގަނޑު 10:30 ފަހުން ޕީޕީއެމްގެ އެއްވެސް ހަރަކާތެއް ދެން ނޯންނާނެ: އަދުރޭ

ޕީޕީއެމް އިން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާ އެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ ފަހުން ޕީޕީއެމްގެ އެއްވެސް ހަރަކާތެއް ނުވަތަ ޖަލްސާ އެއްވެސް ރޭގަނޑު 10:30 ފަހުން ކުރިއަށް ނުދާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އެގޮތަށް ނިންމީ އެ ޕާޓީން ރާއްޖޭގެ އަމަން އަމާން ކަމަށް ވަރަށް ބޮޑަށް އިސްކަން ދޭތީ ކަމަށެވެ.

"އަޅުގަނޑުމެން މީގެ ފަހުން ބާއްވާ ހުރިހާ ސިޔާސީ ހަރަކާތްތަކެއް މީގެ ފަހުން ކޮންމެ ރެއަކު ވެސް 10:30 ކުރިން ނިންމާލާނަން. އެހެން އަޅުގަނޑުމެން ނިންމީ ރާއްޖޭގެ އަމާން ކަމަށް ވަރަށް ބޮޑަށް އިސްކަން ދޭތީ. އެހެންވީމާ މިރޭގެ ފަހުން އަޅުގަނޑުމެންގެ ސިޔާސީ ހަކަރާތްތަކެއް ނުހިނގާނެ 10:30 ފަހުންނެއް." އަދުރޭ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ސަރުކާރު ކޯލިޝަނާ އިދިކޮޅު ބޭފުޅުންގެ ތަފާތަކީ މަގުމައްޗަށް ނިކުމެ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އެއްވުންތައް ބާއްވައި ހެދުން ކަމަށެވެ.

"ސިޔާސީ ހަރަކާތްތައް ބާއްވާ އިރު އަޅުގަނޑުމެން ސިޔާސީ ހަރަކާތްތައް ބާއްވަނީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ނަގައިގެން. ނަމަވެސް އިދިކޮޅުން މަގުތަކަށް ނިކުމެ ރައްޔިތުންނަށް އުނދަގޫކޮށް ވަޖިދު ވާން އުޅެނީ. އެ ބޭފުޅުން ވެސް ނަގަންވާ ހުއްދަ ނަގައިގެން އެއްވުން ބާއްވަން ހުއްދަ ތަންތާ ބާއްވާ ނަމަ ފުލުހުން ހުރަހެއް ނާޅާނެ." ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މިރޭ ރުމާލު 2ގައި ޕީޕީއެމްގެ ވަރަށް ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށާއި ވީހާ ވެސް ގިނަ ބޭފުޅުން އެ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް