އެފްރިކާގެ ރެފިއުޖީންތައް ޑީޕޯޓްކޮށް، ޖަލަށް ލާތީ އިސްރާއިލުގައި މުޒާހަރާކޮށްފި

އެފްރިކާގެ ރެފިއުޖީންތައް ޑީޕޯޓްކޮށް، ޖަލަށްލުމާ ދެކޮޅަށް އިސްރާއިލުގެ އެތައްހާސް ބަޔަކު މުޒާހަރާކުރަނީ -- ފޮޓޯ: އޭއެފްޕީ

ތެލްއަވީވް ( 25 ފެބްރުއަރީ) : އިސްރާއިލުގައި ދިރިއުޅޭ އެފްރިކާގެ ރެފިއުޖީންތައް ޑީޕޯޓްކޮށް ނުވަތަ ޖަލަށް ލުމަށް ނިންމައިފައިވާތީވެ، އެކަމާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ރައްޔިތުންނެއް ވެރިރަށް ތެލްއަވީވްގައި މުޒާހަރާކޮށްފި އެވެ.

މުޒާހަރާތައް ބޮޑަށް ބާއްވައިފައި ވަނީ ތެލްއަވީވްގެ އުތުރު ސަރަހައްދުތަކުގަ އެވެ. މިއީ އެފްރިކާގެ ރެފިއުޖީން އެންމެ ގިނައިން ދިރިއުޅޭ ސަރަހައްދު ވެސް މެ އެވެ.

"އެމީހުން ޑީޕޯޓްނުކުރޭ" އަދި "އަހަރުމެން އެންމެންނަކީ ވެސް އިންސާނުން" ޖަހާފައިވާ ނަންބޯޑުތައް މުޒާހަރާއިން ވަނީ ފެނިގެންގޮސްފަ އެވެ.

އިސްރާއިލުން ވަނީ ރެފިއުޖީން އަމިއްލައަށް އެގައުމުން ބޭރުވުމަށް ފައިސާގެ އިނާޔަތްތައް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެކަމާ ދެކޮޅު ހެދި ރެފިއުޖީންގެ ތެރެއިން އެރިތުރިއާ މީހުން އަންގާރަ ދުވަހުން ފެށިގެން ވަނީ ޖަލަށް ލާން ފަށައިފަ އެވެ.

އެފްރިކާގެ ގައުމުތަކުގައި ހިނގާ ހަމަނުޖެހުންތަކުން ސަލާމަތްވުމުގެ ގޮތުން އެތައް ހާސް އެފްރިކާގެ މީހުން ވަނީ އިސްރާއިލަށް އެތެރެވެފަ އެވެ. ރެފިއުޖީންތައް ބޭރުކުރުުމުގެ ގޮތުން އިސްރާއިލުން ހަރުކަށި ފިޔަވަޅުތައް އަޅަން ފެށީ މިދިޔަ މަހު އެވެ.

ރުވާންޑާ އަދި ޔޫގެންޑާއާ، އިސްރާއިލުން ހެދި އެއްބަސްވުމުގެ ދަށުން އިސްރާއިލުން ދަނީ އެގައުމުތަކަށް ރެފިއުޖީންތައް ފޮނުވަމުންނެވެ.

އިސްރާއިލުގެ ޕާލިމެންޓް، ކެނެސެޓުގެ މެމްބަރެއް ކަމަށްވާ މިރީ ރަގޭވް މީގެ ކުރިން ވަނީ އެފްރިކާގެ ރައްޔިތުންނަަކީ "ކެންސަރު"ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް