ލީނާގެ ޝޫޓިން ނިންމާލާފައި ކްރޫ މިއަދު މާލެ އަންނަނީ

ލީނާ---

އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓުކޮށް ކޯ ޕްރޮޑިއުސް ކުރާ ފިލްމު ލީނާގެ މަސައްކަތް ނިންމާލުމަށްފަހު ކްރޫ މިއަދު މާލެ އަންނާނެއެވެ.

އއ. އުކުޅަހުގައި ޝޫޓިން ކުރިއަށް ގެންދިޔަ ފިލްމުގެ އަޕްޑޭޓެއް ބަލާލުމަށް މުއާއަށް ގުޅާލުމުން ބުނީ ޝޫޓިން ނިންމާލައި މިއަދު މާލެ އަންނާނެ ކަމަށެވެ. އިތުރު ވާހަކަތައް މާލެ އައިސް ކިޔައިދޭނެ ކަމަށް މުއާ ބުންޏެވެ.

ލީނާއަކީ މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔުނީ އަހުމަދު ޒަރީރެވެ.

ރާއްޖެ ސިއްސުވާލި ބޮޑު ހާދިސާއެއް އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ ލީޑް ތަރި "ލިނާ"ގެ ރޯލުން ފެންނާނީ މިހާރު ދިވެހި ސިނަމާގައި ހުރި އެންމެ ޑިމާންޑު ބޮޑު ބަތަލާ މަރިޔަމް އައްޒައެވެ.

ލީނާގެ ގާތިލް ނުވަތަ "ޒުހޫރު"ގެ ރޯލުން ފެންނާނީ މުއާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް (ރަވީ މަންމަ) އަދި އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސްވެސް މި ފިލްމުން ފެންނާނެއެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާނެއެވެ. ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާހެވެ.

މި ފިލްމާމެދު މުއާ ކުރާ އުންމީދުތައް ބޮޑެވެ. ހާއްސަކޮށް ފިލްމަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަނަށް ވާތީއެވެ. އޭޕްރިލް ނުވަތަ މެއި މަހު ފިލްމު ރިލީޒ ކުރާނެ ކަމަށް މުއާ ވަނީ މީގެ ކުރިން ބުނެފައެވެ.

"މިއީ މުޖްތަމައުގައި މިހާރު ވެސް ހިނގާ މައްސަލަތަކަށް އަލިއަޅުވާލާނެ ފިލްމެއް. އިންސާނީ ހުދޫދުގެ ބޭރުން މި ހިނގާ، މީހުން މެރުމާއި މާރާމާރި ފަދަ ކަންތައް، މީހުންނަށް އިހުތިރާމް ނުކުރުން ފަދަ ކަންތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައި އިންނާނެ،" ލީނާގެ އެއް ޕްރޮޑިއުސަރު މުއާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ.

comment ކޮމެންޓް