ޖާދުވީ މާ: ރާޅުގަނޑުގެ ޕޮޕް ބޭންޑުން ފުރަތަމަ ލަވަ ރިލީޒްކޮށްފި

ޖާދުވީ މާ ގެ މަންޒަރެއް---

ބޮޑުބެރުގައި މަގުބޫލުކަން ހޯދާފައިވާ، ބޭންޑު "ރާޅުގަނޑުގެ" ދަށުން ހިންގާ ޕޮޕް ބޭންޑް ޕަރޭޒްގެ ފުރަތަމަ ލަވަ ރިލީޒްކޮށްފިއެވެ.

"ޖާދުވީ މާ" އަކީ ލޯބީގެ ރީތި ލަވައެކެވެ. ލަވައިގެ ވީޑިއޯ ވެސް މިއަދު ވަނީ ރިލީޒްކޮށްފައެވެ.

ލަވަ ކިޔާފައިވަނީ އައްފާން އެވެ. ލިރިކްސް ހަދާފައިވަނީ ޝާން އެވެ.

ވީޑިއޯއިން ފެންނަ އަންހެން ފަންނާނަކީ ދިވެހި މޮޑެލް ފާތިމަތު ޒަޔަން (ކައިޒީން) އެވެ. މީގެ އިތުރުން ދެން ފެންނަނީ ރާޅުގަނޑަށް ނިސްބަތްވާ ފަންނާނުންނެވެ.

ލަވައިގެ ޑައިރެކްޓަރަކީ ހައްމާދު ރަޝީދު (ހަންޕު) އެވެ.

ލަވައިން ފެންނަނީ އަންހެން ކުއްޖަކު ފެނި، އެކުއްޖާގެ ހިޔާލުތަކުގައި ފިރިހެން ކުއްޖަކު ދީވާނާ ވެގެން އުޅޭ މަންޒަރެވެ. އެ ކުއްޖާ އަށް ލޯބި ހުށަހަޅާއިރު އެއީ އެހެން މީހެއްގެ އަންބެކެވެ. ހިތް ހަލާކުވެގެން ދާއިރު، މިއީ ރައްޓެއްސަކު ދޭ ލަނޑެކެވެ.

ރާޅުގަނޑު ބޮޑުބެރު ގުރޫޕަކީ ގިނަ ފަންނާނުންތަކެއް ދާއިރާއަށް ނެރެފައިވާ ބޭންޑެކެވެ. ޕަރޭޒްގެ ދަށުން އިތުރު ފަންނާނުންނަށް ފުރުސަތު ދެވޭނެ ކަމަށް އެ ބޭންޑުން ބުނެއެވެ.

"މިލަވައިން ދޭ މެސެޖަކީ ތިމާ ބޭނުންވާހާ އެއްޗެއް ހޯދަން އުޅުމަކީ ބަދުނާމުވެ ލަދުގަންނަން ޖެހިދާނެ ކަމެއްކަން،" ރާޅުގަނޑުގެ ފަރާތުން ވާހަކަ ދެއްކި ހަންޕު ބުންޏެވެ.

އޭނާ ބުނީ ރާޅުގަނޑުން ގެނެސްދޭ ކޮންމެ ލަވައަކީވެސް މުޖުތަމައަށް މުހިއްމު މެސެޖެއް ދޭނެ ލަވައެއް ކަމަށެވެ.

ރަޅުގަނޑު ބޮޑުބެރު ގުރޫޕު ހިންގާތާ މިހާރު އަށް އަހަރު ވެފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އެ ގްރޫޕަށް ނުވަ އަހަރު ފުރޭނެއެވެ.

comment ކޮމެންޓް