ޓެކްސް ގާނޫނަށް ގެނައި ބަދަލުތަކާއެކު ވޮރެން ބަފެޓަށް 29 ބިލިއަން ޑޮލަރުގެ ފައިދާއެއް

ބާކްޝަޔާ ހެތަވޭގެ ސީއީއޯ ވޯރެން ބަފެޓް -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ފެބްރުއަރީ 25): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެގައުމުގެ ޓެކްސް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ބިލިއަނަރު ވޮރެން ބަފެޓްގެ ކުންފުންޏަށް 29 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނުކަމަށް އޭނާ ބުނެފިއެވެ.

މިދިޔަ ޑިސެމްބަރު މަހު އެމެރިކާގެ ޓެކްސް ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ވަނީ ވިޔަފާރިތަކުން ނަގާ ކޯޕަރޭޓް ޓެކްސް ރޭޓް 35 ޕަސެންޓުން 21 ޕަސެންޓަށް ދަށްކޮށްފައެވެ.

އާދައިގެ މީހުންނަށް ވުރެ އިތުރަށް މުއްސަނދިން ޓެކްސް ދައްކަން ޖެހޭނެކަމަށް ގަބޫލު ކުރާ ބަފެޓް ވަނީ އެއިސްލާހުތަކާ ދެކޮޅު ހައްދަވައިފައެވެ.

އޭނާގެ ކުންފުނި ބާކްޝަޔާ ހެތަވޭގެ އިންވެސްޓަރުންނަށް ބަފެޓް އިއްޔެ ފޮނުވި ސިޓީއެއްގައިވާ ގޮތުން އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ދެބައިކުޅަ އެއްބަޔަކީ ކޯޕަރޭޓް ޓެކްސް ކުޑަކުރުމުން ލިބުނު ފައިދާއެވެ.

"ކުންފުންނަށް ލިބުނު ފައިދާގެ ބޮޑު ބަޔަކީ ބާކްޝަޔާއިން ކުރި މަސައްކަތުން ލިބުނު ފައިދާއެއް ނޫން. ބާކްޝަޔާގެ އޮޕަރޭޝަންތަކުން ލިބުނީ އެންމެ 36 ބިލިއަން ޑޮލަރު. ބާކީ 29 ބިލިއަން ޑޮލަރު ލިބުނީ ޑިސެމްބަރު މަހު ކޮންގްރެސްއިން ޓެކްސް ކޯޑު އިސްލާހު ކުރުމުން،" ބަފެޓްގެ ސިޓީގައި ވެއެވެ.

މިދިޔަ މަހު އިނގިރޭސި ބޭންކެއް ކަމަށްވާ ބާކްލޭސްއިން ވަނީ އެމެރިކާގެ ޓެކްސް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ބާކްޝަޔާއަށް ބޮޑު ފައިދާއެއް ލިބޭނެކަމަށް ލަފާކޮށްފައިއެވެ. އަދި މުސްތަގުބަލުގައި އެކުންފުންޏަށް ލިބޭ ފައިދާ 12 ޕަސެންޓަށް އިތުރުވަމުންދާނެ ކަމަށް ބުންޏެވެ.

ބައެއް އެނެލިސްޓުން ބުނާ ގޮތުގައި ޓެކްސް ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ލިބޭނީ ބޮޑެތި ކުންފުނިތަކަށެވެ. އަދި އޭގެ ސަބަބުން އެމެރިކާގެ ގިނަ އަދަދެއްގެ މީހުން ޓެކްސް ދައްކަން ޖެހޭ މިންވަރު ކުޑަވި ނަމަވެސް އެއިސްލާހުތައް ދެމިއޮންނާނީ 2025އާ ހަމައަށެވެ.

ނަމަވެސް އެމެރިކާގެ ވެރިކަން ކުރާާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ އެއިސްލާހުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދު ކުރިއަރާނެ ކަމަށް ބުނެފައެވެ.

ފޯޗުން މެގަޒިންގައިވާ ގޮތުން ވޮރެން ބަފެޓްގެ މިލްކިއްޔާތު 87 ބިލިއަން ޑޮލަރަށް އަރައެވެ. އެހެންކަމުން އޭނާ އަކީ މައިކްރޯސޮފްޓުގެ ބާނީ، ބިލް ގޭޓްސްއާއި އެމެޒޯންގެ ބާނީ، ޖެފް ބޭޒޯސް އަށް ފަހު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ ކަމަށް ފޯޗުން މެގަޒިންއިން ބުނެއެވެ.

(ބީބީސީ)

comment ކޮމެންޓް