މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށޭނީ މާދަމާ ހެނދުނު 09:00ގައި ކަމަށެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައި ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން އައްއްޔަނު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވާފައިވާ ނަންފުޅު ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައެވެ.

މީގެ އިތުރުން ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، މ. ފޭމަންސް، އިބްރާހީމް އުވައިސްގެ ނަންފުޅު ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ ވެސް ވަނީ މާދަމާގެ މަޖިލީހަށް އެޖެންޑާ ކުރެވިފައެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ހުޅުވުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މިދިޔަ ބުދަ ދުވަހުރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ.

comment ކޮމެންޓް