އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން އޮފީސް ބޭރު--

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހުޅުވާލި ނަމަވެސް އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ، އަލުން އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން 1 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވަލާފައި މިވަނީ އެ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާ ގުޅިގެންންނެވެ.

ސުލައިމާނުގެ އިތުރުން އިތުރުން އިސީގެ ސެކެޓްރީ ޖެނަރަލްގެ މަގާމުގައި ހުންނެވި އަހުމަދު އަލީ ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.

އެ ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވާފައި މިވަނީ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަނުން ކަނޑައެޅިތާ 60 ދުވަސް ހަމަވެ، ބައި އިލެކްޝަން ނުބާއްވާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނަށް ކަނޑަ ނޭޅޭނެ ކަމަށް ބުނެ މެމްބަރުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް