އެމެރިކާވެސް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ޑިމޮކްރަސީ ދަނީ ދަށަށް: ރިޕޯޓް

ދުނިޔޭގެ ގިނަ ގައުމުތަކުގައި ޑިމޮކްރަސީގެ ލެވެލް ދަށަށްދާކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓްގައި ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ މި ރިޕޯޓް ބުނާގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ޑިމޮކްރަސީގެ އުސޫލުތަށް ދަށަށްދާއިރު އެމެރިކާގައިވެސް ޑިމޮކްރެޓިކް އުސޫލުތައް ދަނީ ހީނަރުވަމުންނެވެ.

ޚާއްސަކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމުގައި ހޭދަކުރެއްވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން ޑިމޮކްރަސީއާ ޚިލާފު އެތަށްކަންތައްތަކެއް ދަނީ ފެންނަމުންނެވެ. އަދި ދުނިޔޭގައި ބަލާ ޑިމޮކްރަސީގެ އިންޑެކްސް ގައިވެސް އެމެރިކާގެ ދަރަޖައާއި ރޭންކިން ވަނީ ދަށަށްގޮސްފައެވެ.

ދާދިފަހުން ޝާއިޢުކުރި ދުނިޔޭގެ ޑިމޮކްރަސީގެ އިންޑެކްސްގެ ރިޕޯޓްގައިވާގޮތުން ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގައުމުތައް ޑިމޮކްރަސީގެ އިންޑެކްސްގައި ވަނީ އެތަށް ދަރަޖައެއް ފަހަތަށް ވެއްޓިފައެވެ.

މިއިންޑެކްސް ފަހަތަށް ވެއްޓުނު ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތަކާއި އޭޝިޔާގެ ގައުމުތައް ހިމެނޭކަން ފަރީދު ޒަކަރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ. ފަރީދު ޒަކަރިއްޔާ ލިޔުއްވާފައިވާ ގޮތުގައި އިންޑިޔާ، ދެކުނު އެފްރިކާ، އަދި އިސްރާއީލު ފަދަ ގައުމުތަކުގައިވެސް ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނަށާއި ނޫސްތަކަށް އެގައުމުތަކުގެ ސަރުކާރުތަކުން ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ. އަދި ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނަށް އަމިއްލަ ބައެއް ފަރާތްތަކުން ބިރު ދައްކާއިރު އެބިރު ދެއްކުންތަކުގެ ފަހަތުގައި އެގައުމުތަކުގެ ޖާސޫސީ އިދާރާތައް ވާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

އިސްރާއީލަށް ބަލާއިރު ކޮރަޕްޝަންގެ ތުހުމަތުތަކުގެ ޝިކާރައަކަށް ވެފައިވާ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލައި އާންމުރައްޔިތުން ކޮންމެ ދުވަހަކު މުޒާހަރާތައް ކުރަމުން ގެންދާއިރު ނަތަންޔާހޫ ގެންދަވަނީ އެފަދަ ޙާލަތްތަކުގައި ކުށް ސާބިތު ނުވަނީސް މަގާމުން އިސްތިއުފާ ދޭން ގާނޫނުގައި ނޯންނަކަމަށް ވިދާޅުވެ ރައްޔިތުންނަށް ގޮންޖައްސަވަމުންނެވެ.

އެމެރިކާއަށް ބަލާއިރު އެމެރިކާ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރު އެމެރިކާގެ އެކި ސްޓޭޓްތަކުގައި އާންމު ރައްޔިތުން ކުރި މުޒާހަރާތައް ހުއްޓުވާފައިވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. އަދި ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މީހަކު މަރުވެ އެތަށް ބަޔަކަށް އަނިޔާވެފައި ވެއެވެ. މީގެއިތުރުން މިސްރާއި ބަހްރައިން ފަދަ ޑިމޮކްރަސީއާ ޚިލާފު އަމަލުތައް ހަރުކަށި ގޮތުގައި ހިންގާ ގައުމުތަކުގެ ސަރުކާރުތަކާ އެމެރިކާ ސަރުކާރުން ގާތްގުޅުންތަކެއް އުފައްދައި ޑިމޮކްރަސީއާ ދެކޮޅަށް އެގައުމުތަކުން ހިންގާ އަމަލުތަކަށް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ ބާރުތައް ލޯމަރާލައިގެން އޮންނަކަންވެސް ފަރީދު ޒަކަރިއްޔާ ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަވަނީ މީޑީޔާއަށްވެސް ބިރުދައްކަވަމުންނެވެ. ޓްރަމްޕް ދާދިފަހުންވަނީ އޭނާއަށް އެންމެ ބޮޑަށް ފާޑުކިޔާ ސީއެންއެންއަށް ބިރުދައްކަަވައި އެއީ ދޮގުޚަބަރު ފަތުރާ ޗެނެލެއް ކަމަށް ފާޅުގައި ވިދާޅުވެފައެވެ. އަދި ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އިދިކޮޅު ބައެއް ނޫސް ވެރިން ވައިޓް ހައުސްއަށް ވަނުމުގެ ފުރްސަތު ނުދިން މައްސަލަވެސް ފަރިދު ޒަކަރިއްޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

މިދިޔަ އަހަރު ޑިމޮކްރަސީގެ އިންޑެކްސް ދަށަށްދިޔަ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިންޑިޔާއާއި ދެކުނު އެފްރިކާއާއި އިސްރާއީލުގެ އިތުރުން ހަންގެރީ، ޕޮލެންޑް، ކެންޔާ، ތުރުކީ ފަދަ ގައުމުތައް ހިމެނެއެވެ. (ވޮޝިންޓަން ޕޯސްޓް)

ގުޅޭ ޓެގު
comment ކޮމެންޓް