އިންޑިއާގައި ކައިވެންޏަކަށް ދިން ހަދިޔާއެއް ގޮވައި، ފިރިމީހާ މަރުވެއްޖެ

ސޫމާ ޝޭކަރު ސާހޫ އާއި ރީމާ ސާހޫ ކައިވެނި ކުރީ މިމަހުގެ 18 ވަނަ ދުވަހު -- ފޮޓޯ: އޭއެންއައި

ދިއްލީ (ފެބްރުއަރީ 25): އިންޑިއާގެ ދެމަފިރިއެއްގެ ކައިވެންޏަށް މީހަކު ދިން ހަދިޔާއެއް ގޮވައި، ފިރިމީހާ އާއި އޭނާގެ މާމަ މަރުވެ އަނބިމީހާ ޒަހަމްވެއްޖެ އެވެ.

އިންޑިއާގެ އޮރިއްސާގައި އެހާދިސާ ހިނގީ ސޫމާ ޝޭކަރު ސާހޫ އާއި ރީމާ ސާހޫ ކައިވެނި ކުރިތާ ފަސް ދުވަސް ފަހުން ކަމަށް އެމީހުންގެ އާއިލާއިން ބުންޏެވެ.

އެހާދިސާ ތަހުގީގު ކުރަމުންދާ ފުލުހުން ބުނި ގޮތުގައި ގޮވާއެއްޗެއް ޕާރުސަލްކޮށް އެ ދެމަފިރިންނަށް ފޮނުވީ، ޕާރުސަލް ހުޅުވުމާއެކު ގޮވާ ގޮތަށެވެ. އަދި އެޕާރުސަލުގައި ފޮނުވި މީހާގެ ނަން ޖަހާފައި ނުވި ނަމަވެސް އެއީ އެއާއިލާއާ ގާތް މީހަކު ދިން ހަމަލާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

އެހާދިސާގައި ސޫމާ ޝޭކަރުގެ މާމަ ވަގުތުން މަރުވި ނަމަވެސް ސޫމާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އަދި ރީމާ ސާހޫގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ.

ހިންދުސްތާން ޓައިމްސްގައިވާ ގޮތުން މިދިޔަ މަހު މަދްޔަ ޕްރަދޭޝްގައިވެސް އެފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުން ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ޑޮކްޓަރަކަށް މީހަކު ދިން ޕާރުސަލެއް ގޮވައި، އެހާދިސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން އެޑޮކްޓަރު މަރުވެފައިވާ ކަމަށް އެނޫހުގައިވެ އެވެ. (ހިންދުސްތާންޓައިމްސް)

ގުޅޭ ޓެގު
comment ކޮމެންޓް