"އަޅުގަނޑުމެން ފެބްރުއަރީ އެކެއްގައި ހުކުމެއް ނެރުނީމާ ކަމަކު ނުދިޔަ"

މިދިޔަ އަހަރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފެބްރުއަރީ އެކެއްގއި ސުޕްރީމު ކޯޓުން ނެރުނު ހުކުމަކީ ސިޔާސީ ފަރާތްތަކެއްގެ ނުފޫޒު އޮވެގެން ނެރުނު ހުކުމެއް ކަމަށް ދޭހަވާގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވައިފި އެވެ.

އިއްޔެ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ "އަޅުގަނޑުމެން ފެބްރުއަރީ އެކެއްގައި ހުކުމެއް ނެރުނީމާ އެ ކަމަކު ނުދިޔަ" ކަމަށެވެ.

އެ އިންޓަވިއުގައި ގާސިމް ވިދާޅުވީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.

ފެބްރުއަރީ އެކެއްގެ ހުކުމް ކަމުނުގޮސްގެން އިރުކޮޅަކުން "ތިންފަނޑިޔާރުން ޖަލަށްލީ" ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް އެއްވެސް މަސައްކަތެއް އެމަނިކުފާނާއި އާއިލާގެ މެންބަރެއް ވެސް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަނޑިޔާރުންނަށް ރިޝްވަތު ނުދޭ ކަމަށް ވެސް ގާސިމް ވަނީ ހުވާކުރައްވައިފަ އެވެ.

ގާސިމްގެ އިންޓަވިއުތައް ޓީވީތަކުން ގެނެސްދޭތީ ސަރުކާރު ހިންގާ ޕީޕީއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހުކުރު ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ގައިދީންގެ ގޮތުގައި ތިބޭ މީހުންގެ އިންޓަވިއުތައް ގެނެސްދިނުމަކީ ކުރެވިގެންވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އެ ހުކުމަކީ ބައެއްގެ ނުފޫޒު އޮވެގެން ނެރުނު ހުކުމެއް ކަމަށާއި އޭގެ ފަހަތުގައި ތިބި ފަރާތްތައް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ވެސް އަބްދުރަހީމް ވަނީ އެރޭ ވިދާޅުވެފަ އެވެ.

ރިޝްވަތުގެ ކުށް ސާބިތުވެ، ގާސިމް އިބްރާހިމުގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ނަމަވެސް ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަށް މިހާރު އުޅުއް ވަނީ ޖަރުމަނުވިލާތުގެ ހިމާޔަތް ހޯއްދަވައިގެންނެވެ.

comment ކޮމެންޓް