ސީރިއާގެ ގޫތާއަށްދޭ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން ގޮވާލާ ގަރާރެއް އދ.އިން ފާސްކޮށްފި

އދ.ން ވަނީ ހަމަލާ ގޫތާއަށް ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައި -- ފޮޓޯ: ރޮއިޓާސް

އދ. (ފެބްރުއަރީ 25): ސީރިއާގެ އިރުމަތީ ގޫތާއަށް އެހީ ފޯރުކޮށްދިނުމަށްޓަކައި އެސަރަހައްދަށް ދޭ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

އިއްޔެ އެގަރާރު ފާސްކޮށްފައި ވަނީ ރަޝިއާއިން ހުށަހެޅި އިސްލާހުތަކަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެއިސްލާހުތައް ގެނައި ފަހުންނެވެ.

އޭގެ ސަބަބުން އެމެރިކާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވަނީ ރަޝިއާއިން ގަރާރު ފާސް ކުރުން ލަސްކުރި ކަމަށާއި އޭގެ ސަބަބުން ސީރިއާގައި މަރުވި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އިރުމަތީ ގޫތާ، ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި އެގައުމުގެ ސިފައިންނާއި ރަޝިއާއިން ގުޅިގެން ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ މިދިޔަ އާދިއްތަ ދުވަހުގައެވެ.

އެހަމަލާތަކުގައި މިހާތަނަށް މަރުވި އާއްމުންގެ އަދަދު 500އަށް ވުރެ އިތުރުވާނެ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެ އެވެ. އަދި އޭގެ ތެރޭގައި 123 ކުޑަކުދިން ހިމެނޭ ކަމަށްވެސް އެއޮފީހުން ބުންޏެވެ. (އަލްޖަޒީރާ)

comment ކޮމެންޓް