ގޯލްޑަން މައިކް ހަތަރު ބައިވެރިންނަށް، އައިޑަލްގެ ގަދަ 16 ކަށަވަރު ވެއްޖެ

މޯލްޑިވިއަން އައިޑަލްގެ ގަދަ 16 އަށް ދަތުރު ކުރި ބައިވެރިން---

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ ތިއޭޓަރ ރައުންޑް ރޭ ވަނީ ނިންމާލާފައެވެ. ތިއޭޓާ ރައުންޑްގެ ސޯލޯ ހުށަހެޅުންތައް ކުރިއަށް ގެންގޮސް، ރޭ ވަނީ ހަތަރު ބައިވެރިންނަށް ގޯލްޑަން މައިކް ލިބިފައެވެ. އަދި ގަދަ 16 ވެސް ވަނީ ރޭ ކަށަވަރުވެފައެވެ.

ރޭ ގޯލްޑަން މައިކް ލިބުނު ހަތަރު ބައިވެރިންނަކީ އޮޑިޝަންގައި ވެސް ގޯލްޑަން މައިކް ލިބުނު އާމިނަތު ސައިނާގެ އިތުރުން ހަސަން ޝަހުދާން، ރައިހާން އަދި އިބްރާހިމް ޝަމީލު އެވެ.

ހިތްގައިމު ހުށަހެޅުން ތަކެއް ރޭ ފެނިގެންދިޔަ ތިއޭޓަރ ރައުންޑް ނިންމާލީ ވަރަށް ކާމިޔާބު ކަމާ އެކީއެވެ. އަންނަ ހުކުރު ދުވަހުގެ ރޭ ޕިޔާނޯ ރައުންޑް ފެށިގެން ދާނެއެވެ.

ޖުމްލަ 33 ބައިވެރިންނާ އެކީ އައިޑަލްގެ ތިއޭޓަރ ރައުންޑް ފެށި، އައިޑަލްގެ ޕިޔާނޯ ރައުންޑަށް ދަތުރު ކުރީ 16 ބައިވެރިންނެވެ.

އެ ބައިވެރިންނަކީ ގޯލްޑަން މައިކް ލިބުނު ހަތަރު ބައިވެރިން ކަމުގައިވާ ޝަހުދާން، ސައިނާ، ރައިހާން އަދި ޝަމީލުގެ އިތުރުން އިޝާން، މައިޝާ، ސަލްވާ، ނިޝްފާ، އަޒަލް، ނާޒިހް، މުރްޝިދު، ނައުޝާދު، ޝާން، ތަސްލީމު، އިޝާމް އަދި މުނާޒް އެވެ.

ޕިޔާނޯ ރައުންޑް ނިންމުމަށްފަހު ގަދަ 12 ބައިވެރިންނާ އެކީ ގާލާ ރައުންޑް ފެށިގެންދާނެއެވެ.

comment ކޮމެންޓް