ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މައްސަލައަކީ ފިޓްނަސް: ކިސް

2016 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭ ފުޓުބޯޅައިގެ ކުރިއެރުމަށް ދިމާވެފައިއޮތް އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންނަށް ފިޓްނަސް މެއިންޓެއިން ނުކުރެވުން ކަމަށް ވިކްޓްރީގެ ކޯޗު ލާޒްލޯ ކިސް ބުނެފިއެވެ.

މާލޭ ލީގުގެ ފުރަތަމަ މެޗުގައި މިއަދު އީގަލްސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ ޓީމު ތައްޔާރު ނޫން ކަމަށާއި، ހާއްސަކޮށް ފިޓްނަސް މައްސަލަ ބޮޑު ކަމަށެވެ.

"އަހަރެންގެ ޓީމު ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރާނެ. ކުރިމަތިލަނީ ވަރަށް ވަރުގަދަ ޓީމަކާ. ވިކްޓްރީއާއެކު ލިބުނު ތިން ހަފްތާ އެއްވެސް އެއްޗަކަށް ނުވި. ކުޅުންތެރިން އަދި ތައްޔާރެއް ނޫން. ހާއްސަކޮށް ފިޓްނަސް މައްސަލަ ބޮޑު،" ކިސް ބުންޏެވެ.

ކިސް ބުނީ ފިޓްނަސް ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް އޭގެ ފޮނިކަން އަދި ނުފެންނަ ކަމަށާއި، ސީޒަން ކުރިއަށްދާވަރަކުން އެކަންކަން ފެންނަމުންދާނެ ކަމަށެވެ.

"ފިޒިކަލީ ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްނަސް ވަރަށް ދަށްކޮށް. މިދިޔަ ސީޒަންގައި ކުޅުން ނިންމާލި ގޮތަށް ތިބީ. އެހެންވެ ވަރަށް ބޮޑަށް ފިޓްނަސް ޖެއްސިން. ހަފްތާއެއް ވަންދެން ހަމަ ފިޓްނަސް ޖެއްސީ،" ހަތަރުވަނަ ފަހަރަށް ރާއްޖޭގެ ޓީމަކަށް ކޯޗުކަން ކޮށްދޭން ނުކުންނަ ކިސް ބުންޏެވެ.

މީގެ ކުރިން ވީބީ އައްޑޫ އެފްސީގެ އިތުރުން ކްލަބު ވެލެންސިއާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދައި، ކުރިން ވިކްޓަރީއަށްވެސް ކޯޗުކަންކޮށްދިން ކިސް ބުނީ ރާއްޖޭގެ ފުޓުބޯޅައިން، ކުރީގެ ކުޅުންތެރިން ކަހަލަ 'ފިޒިކަލް ޑިސިޕްލިން' ހުރި ކުޅުންތެރިން ނުފެންނަ ކަމަށެވެ.

"އަހަރެން ފުރަތަމަ އައި އިރު ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިންތަކެއް ފެނުނު. ޓޫކިލޯ، އަލީ އުމަރު، އަންވަރު އަދި އަޑުބަރޭގެ އިތުރުން ދަގަނޑޭއާ ރޮނާލްޑޯވެސް. މިހާރު ތިބި ކުޅުންތެރިން މި ނަންކީ ކުޅުންތެރިންނާ ގާތްވެސް ނުކުރެވޭ. ފިޒިކަލީ ވަރަށް ބަލި. މީގެ ކުރިން މި ނަން ކީ ހުރިހާ ކުޅުންތެރިންނަށް ބަލާ. އަދިވެސް ދަގަނޑޭމެން ހުރިހާ ރޭހެއްގެ އެއްވަނައިގައި އޮންނާނީ. ޓޫކިލޯއާ ރޮނާލްޑޯވެސް، އަލީ އުމަރުވެސް ހޯދި ކާމިޔާބީއަކީ ދެއިރަށް ކުރި ފަރިތަކުރުން. ރާއްޖޭގެ ފުޓުބޯޅައިގެ މައްސަލައަކީ ހަމަ ފިޓްނަސް މައްސަލަ،" ކިސް ބުންޏެވެ.

މާލޭ ލީގުގައި އީގަލްސްއާއި ވިކްޓްރީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ހަފްތާގެ މެޗުތައް

25 ފެބްރުއަރީ 2018

  • 1600 ކްލަބު އީގަލްސް - ވިކްޓްރީ ސްޕޯޓްސް ކްލަބު
  • 2100 މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން - ކްލަބު ގްރީން ސްޓްރީޓްސް

26 ފެބްރުއަރީ 2018

  • 1600 ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު - ޓީސީ ސްޕޯޓްސް ކްލަބު
  • 2100 ކްލަބު ވެލެންސިއާ - ޔުނައިޓެޑް ވިކްޓްރީ
comment ކޮމެންޓް