ރާއްޖޭގެ ހާލަތު: އެމީހަކު ބޭނުންވާ ގޮތަކަށް ކިޔައިދޭން އޮތް ކުރު ވާހަކައެއް ނޫން!

ރާއްޖޭގެ ރަށްތަކެއް--

މިއީ ދުނިޔެ މަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުވެފައިވާ ދިވެހިރާއްޖެ އެވެ. އެހެން ގައުމުތަކެކޭ އެއްފަދައިން ދޭތެރެ ދޭތެރޭން ރާއްޖެއަށް ވެސް ސިޔާސީ ހަލަބޮލިކަން އާދެ އެވެ. އެކަމަކު ދިވެހީން އަމިއްލައަށް އެކަންކަން ހައްލުވެސް ކުރެ އެވެ. މިފަހަރު ވެސް މިވަނީ އެފަދަ ސިޔާސީ ނުތަނަވަސްކަމެއްގެ ތެރެއަށް ގައުމު ވެއްޓިފަ އެވެ. ތަފާތު ވާހަކަތައް އެކިފަރާތްތަކުން ދައްކަނީ އެކި ގޮތްގޮތަށެވެ. އަދި ގަބޫލުކުރަނީ ވެސް އެކި ގޮތްގޮތަށެވެ.

މިހާރު ކުރިމަތިވެފައިވާ ކަންކަމާ މެދު ބައިނަލްއަގުވާމީ މައިދާނުން ގޮތެއް ނިންމަން މާގިނަ ވަގުތުތަކެއް ނުނެގި އެވެ. ރާއްޖޭގެ ހާލަތާ މެދު ތަފާތު ވާހަކަތައް ބޭރު ދުނިޔޭގައި ފަތުރަމުންދާއިރު އެ ވާހަކަތަކަކީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކަތަކެއްތޯ ބަލަންޖެހެ އެވެ؟ އެ ވާހަކަަތައް މިނެ ކިރާލާ ގޮތް ނިންމަން ވާނީ އިންސާފުގެ މަގުންނެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ހުކުމެއް ކުރަންވާނީ ޝަރީއަތަށް ފަހުގައި ކަމެވެ. އަދި އެމީހަކު ބޭނުންވާ ގޮތަށް ކިޔާ ކުރު ވާހަކައަކަށް ގައުމުގެ ހާލަތު ވެގެން ނުވާނެ އެވެ.

މާދުރުގެ މާޒީއެއް ނޫނެވެ. އަދި ގުޅުމުގެ ގޮތުން ބީރައްޓެހި ގައުމެއް ވެސް ނޫނެވެ. މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ފްރާންސްގެ ދެކުނުގެ ސިޓީއެއްކަމަށްވާ ނީސްގައި "ބަސްޓީލް ޑޭ" ނުވަތަ ގައުމީ ދުވަސް ފާހަގަކުރަން ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް މީހުންގަނޑު ތެރެއަށް ލޮރީއެއް ވަދެ ގަސްތުގައި ޖެއްސި ހާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން އެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އެ ގައުމުގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު ތިން މަސް ދުވަހަށް ދެމިގެންދިޔަ އެވެ.

ފަރަންސޭސިވިލާތުގައި އިއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެ ގައުމުގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކުރެވުނެވެ. ނަމަވެސް އެ ދުވަސްވަރަކީ ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް "ފީފާ ވޯލްޑް ކަޕް" ނެގުމަށް ފަހު އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް އެ ގައުމުގައި ބޭއްވުނު ފަހަރެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް ބެލުމަށް އެތައް ހާސް ބަޔަކު އެ ގައުމަށް ޒިޔާރާތް ކުރި އެވެ. ނަމަވެސް ކުއްލި ހާލަތު އޮތީ އެގޮތުގަ އެވެ. އެ ދުވަސްވަރު އެ ގައުމަށް ދެވުނު މީހެއްގެ ހައިސިއްޔަތުން އާންމު ދިރިއުޅުމަށް އުނދަގޫތަކެއް ކުރިމަތިވި ތަނެއް ނުފެނެ އެވެ. މަގުތައް އަމާންވެފައި ގައުމަށް ބޭރުން އަންނަ މީހުންނަށް މާބޮޑު ތުރާތަކެއް ނުވަތަ ދަތިތަކެއް ނުވެ އެވެ.

ފްރާންސްގެ ވެރިރަށް ޕެރިސްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާއިރު މަރުވެފައިވާ މީހުންގެ ހަށިތަކެއް ބިންމަތީގައި ---- ސަން ފޮޓޯ އޭޕީ

ދެން އޮތީ ރާއްޖޭގައި މިހާރު އޮތް ކުއްލި ހާލަތެވެ. އެތައް ގައުމަކުން މިހާރު ރާއްޖެއަށް މި ދުވަސްކޮޅު ދަތުރު ނުކުރުމަށް ގޮވާލާފައިވާ އިރު ހަގީގަތުގައި ރާއްޖޭގެ ހާލަތު ބަލަން ޖެހެ އެވެ. ކުއްލި ހާލަތު އޮތް ނަމަވެސް ރައްޔިތުންގެ އާންމު ދިރިއުޅުމަކަށް މާބޮޑު ހުރަސްތަަކެއް ކުރިމަތިވާ ތަނެއް ނުފެނެ އެވެ. މިހާރު ވެސް އާންމު މައްސަލަތަކުގައި ތަންތަން ބަލައި ފާސްކުރުމާއި މީހުން ހައްޔަރު ކުރުމުގައި ވެސް ކޯޓު އަމުރު ބޭނުންވެ އެވެ. ހަމައެކަނި ކޯޓް އަމުރެއްނެތި ހައްޔަރު ކުރަމުންދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނު ސަބަބާ ގުޅޭ މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރާއްޖެއާ މެދު ބޭރުގެ މީޑީއާތަކުގައި ތަފާތު ގޮތް ގޮތަށް ވާހަކަ ދައްކާ އިރު ކަމުގެ ހަގީގަތް ބަލަން ޖެހެ އެވެ. ސަރުކާރުން ބުނަނީ އަމަން އަމާން މާހައުލެއް ގައުމުގައި ކަށަވަރު ވެފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅުން ބުނެފައި ވަނީ އެފަދަ މާހައުލެއް ނެތް ކަމަށާއި މުޅި ގައުމު އޮތީ ބޭރުގެ ބަޔަކު ގެނެސްގެން ހަމައަކަށް އަޅުވާ ހާލަތަށް ގޮސްފައި ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ (ވ)، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއާ އެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޓޫއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޕީޕީއެމްގެ ޖަލްސާއެއްގައި ކުރިން ވާހަކަފުޅު ދައްކަވަމުން ވަނީ ރާއްޖެއާ މެދު ބޭރުގެ ފަރާތްތަކުން ތުހުމަތު ކުރާ ނުވަތަ ޝައްކު ކުރާ ފަދަ ކަންތައްތަތަކެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތް ކުރާ ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުމަށް ހުރަހެއް ނެތްކަން ސާފުކޮށްދެއްވުމަށް މިނިސްޓަރު ޒަމީރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވަފުދެއްވަނީ ޗައިނާ އެމްބަސީގައި ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ރާއްޖެއާ ގާތް ގައުމުތަކަށް ރާއްޖޭގެ ހާލަތު އަންގައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުންގެ ގޮތުގައި ބައެއް މިނިސްޓަރުން ވަނީ ފޮނުވައިފަ އެވެ. ފޮރިން މިނިސްޓަރު އާސިމް ޕާކިސްތާނަށް ވަޑައިގެންނެވި އިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޗައިނާއަށް ވަޑައިގެންފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ސައުދީ އަރަަބިައްޔާއަށް ވަޑައިގެން މައުލޫމާތު އޮޅުން ފިލުވާދެއްވައިފަ އެވެ.

ރާއްޖެއަށް އީޔޫ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުން ލައި މާގިއު އާ ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ބައްދަލު ކުރެއްވުން --- ފޮޓޯ: ފޮރިން މިނިސްޓްރީ

ސަރުކާރުން އަވައްޓެރި ގައުމުތަކަށް ހާލަތު އޮޅުން ފިލުވައިދެއްވާފައިވާ އިރު ބައެއް ގައުމުތަކުން ގައުމުގެ ހާލަތު ބެލުމެއް ނެތި ތަފާތު ވާހަކަތައް ރާއްޖެއާ މެދު ނަފުރަތު އުފެދޭ ގޮތަށް ދައްކާ ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ތާއިދު ކުރުމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން އެގޮތަށް ނުކުރުމަށް އެ ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ހަލާތާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަން ބޭނުންވާ ފަދަ ހާލަތެއް ނެތް ކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރު އަހްމަދު މުބީން ވެސް ވަނީ ވިދާޅުވެފަ އެވެ. މުބީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށް އިދިކޮޅުން ދައްކަން އުޅެނީ ވަކި ބައެއްގެ ސިޔާސީ ބޭނުންތައް ހާސިލް ކުރަން ކަމަށެވެ. އަދި ބޭރުގެ ދުނިޔެއަށް ދައްކަން އުޅޭ ފޮޓޯ އިދިކޮޅަށް ބޭނުންވާ ގޮތަށް ނުދެއްކޭނެ ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.

"އިދިކޮޅުން ބޭނުން ވަނީ ކޮންމެވެސް ގޮތަކުން ރާއްޖޭގެ ހާލަތު ގޯސްކަން ދައްކަން. ޓުއަރިޒަމް ބޮއިކޯޓް ކުރުމަކީ އިދިކޮޅުން އަބަދު ވެސް ކުރަން ބޭނުންވާ ކަމެއް. ނަމަވެސް އެ ފުރުސަތު ދިވެހި ސަރުކާރުން ނުދޭނެ،" ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ މުބީން ވިދާޅުވި އެވެ.

އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން މިހާރު ހިނގަމުންދާ ކަންކަން ބޭރުގެ މީޑިއާތަކުން ފާޑުފާޑު ގޮތް ގޮތަށް ގެނެސްދެމުންދާއިރު ސަރުކާރުން ވަނީ ގާނޫނު ނަގަހައްޓާނެ ކަމުގެ ޔަގީންކަންދީފަ އެވެ.

ރާއްޖެއަށް އީޔޫއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުން ލައި މާގިއު އާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގާނޫނު ދެމެހެއްޓުމަކީ ދިވެހި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

މީގެ އިތުރުން ވެސް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން (އޯއެޗްސީއެޗްއާރް)ގެ މަންދޫބު މޯނާ ރިޝްމަވީއާ ބައްދަލުކުރައްވައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު އަރުވައިފަ އެވެ. އަދި ރާއްޖޭގެ ހާލަތު ބެލުމަށް ބޭރުގެ މަންދޫބުން ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަލު ކުރެއްވުން ---

ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތަކުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކާއިރު ސަރުކާރުން ބުނަނީ ގައުމުގެ ހާލަތު އޮތީ ކިހިނެއްތޯ ބަލައި އަންދާޒާ ކުރުމަށް ފަހުގައި ނޫނީ ގައުމުގެ ހާލަތާ މެދު ވަކިގޮތެއް ގައުމުތަކުން ނުނިންމަން އެދޭ ކަމަށެވެ. އަދި ކުއްލި ހާލަތު އޮތް ކަމުގައި ވިޔަސް ފަތުރުވެރިންނަށާއި ރައްޔިތުންނަށް ގައުމުގައި އޮތީ އަމާން މާހައުލެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރުން މިހެން ބުނެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ކޮންމެހެން ގޮވާލަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރުމަށް ނުކުންނަ އިދިކޮޅު ބައިވެރިންނަށް ސަރުކާރުން އަނިޔާވެރި ވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ނިޒާމެއް ވެސް ފެއިލްވެފައިވާ ކަމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ރާއްޖޭގެ ހާލަތު ބޭރުގެ ގައުމުތަކަށް ކިޔައިދޭއިރު ދެކޮޅުން ވެސް މައުލޫމާތު އެއް މިންވަރަކަށް ހިއްސާކޮށްފައި މެނުވީ އެވާހަކަތައް ހިއްސާ ނުކުރުމަކީ މުހިންމު ކަމެކެވެ. ސިޔާސީ ބޭނުމަކަށް ޓަކައި "ޝަރީއަތެއް ނެތި" ގައުމުގެ ހާލަތު ބޭރު ދުނިޔެއަށް ކިޔައިދެމުން ދާއިރު އިންސާފުވެރި ގޮތަކީ ކަމުގެ ދެ ފަރާތް ވެސް ކިޔައިދިނުމެވެ.

ސިޔާސީ ވިސްނުން ހުރި ގޮތަކަށް ގައުމުގެ ހާލަތު ބޭރު ދުނިޔޭގައި އެމީހަކު ހިތުހުރި ގޮތަކަށް ކިޔައިދޭ" ކުރުވާހަކަ"އަކަށް ވެފައިވުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއްކަން ކަށަވަރެވެ.

comment ކޮމެންޓް