ނިހާން ޅެން ބައިތަކުން: ރައީސް ޔާމީން ނޫން ވެރިއެއް ބޭނުމެއް ނޫން

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު(ކ) އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫން ބޭފުޅަކު ވެރިކަމަށް އަތުވެއްޖެ ނަމަ މި ގައުމު އަޅުވެތިކަމަކަށް ހިނގައިދާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ސިފަކުރައްވައިފިއެވެ.

ރޭ ހުޅުމަލޭގައި އޮތް ޕީޕީއެމްގެ ރެލީއެއްގައި ޅެންބައިތެއްގެ އެހީގައި ނިހާން ވިދާޅުވީ މިނިވަން ކަމުން އަޅުވެތިކަމަށް ނުދާނެ ކަމަށާއި ފިނި ހިޔަލަކުން ގަދަ ހޫނަކަށް ނުދާނެ ކަމަށެވެ. އެއީ މި ގައުމުގެ އަޑު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިވަންކަމުން އަޅުވެތިކަމަށް ދާނަން ހޭ؟ ނުދާނަމޭ. ފިނި ހިޔަލަކުން ގަދަ ހޫނަކަށް، ދާނަން ހޭ؟ ނުދާނަމޭ. ރައީސް ޔާމީން ނޫން އެހެން ވެރިޔަކު ބޭނުންހޭ؟ ބޭނުންމެއް ނޫނޭ. މިއީ 2018 އަށް އަޅުގަނޑުމެން ތައްޔާރުކޮށްފައިވާ މިސްރާބަކީ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު މިއަހަރުގެ ނޮވެމްބަރު މަހު 11 ވަނަ ދުވަހު ދެވަނަ ދައުރަކަށް ރައީސް ޔާމީން ދިވެހި ރާއްޖޭގެ ރައީސުލްޖުމޫހުރިއްޔާކަމުގެ ހުވާ ކުރައްވާނެ ކަމަށެވެ.

"ފުރިހަމަ ސިއްހަތާއެކު ރައީސް ޔާމީން އަޅުގަނޑުމެންގެ އިޖްތިމާއީ ސެކްޓާއަށް ދުވަހަކު ވެސް ގެނެސްނުދޭ ވަރުގެ އިންގިލާބެއް ގެންނާނެ. އެމަނިކުފާނުގެ އަރިހުގައި ސާބިތުކަމާއެކު މެޑަމް ފާތުމަތު އިބްރާހިމް ހުންނަވާނެ،" ނިހާން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ރައީސް ޔާމީން ވެވަޑައިގަތް ހުރިހާ ވައުދެއް ދައުރު ހަމަ ނުވަނީސް ފުއްދަވައި ދެއްވައިފި ކަމަށާއި ވެރިކަން ބޭނުންވާ ފަރާތްތަކުން ވެސް އެފަދަ ހިދުމަތް ކުރަން ޖެހޭނެ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިމިފައި ހުރި އެތައް މަޝްރޫއުތަކެއް ރައީސް ޔާމީނަށް ވަޑައިނުގަނެވިގެން ހުޅުވުމުގެ ރަސްމިއްޔާޔު ނުބޭއްވިފަ އެބަހުރި. މިއީއެއް ނޫންތޯ ވެރިޔަކީ. 30 އަހަރު ވެރިކަމެއް ނިމިގެން ދިޔަ އިރު ބައެއް ރަށްރަށުގެ ގަބުރުސްތާނު ވެސް ރާނާ ނުނިންމުނު،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ސިޔާސީ ފަރާތެއް ވިޔަސް ނުވިޔަސް ކުށްވެރިނުވާ ނަމަ ޖަލެއްގައި ހުންނާނެ ކަމަށެވެ. އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ޔާމީންގެ ވެރިކަން ނިމުމުން ރާއްޖެ ވަޑައިގަންނަވަން މަޑުކުރައްވާ ނަމަ އަދި ހަ އަހަރު ޖަރުމަނުވިލާތުގައި މަޑުކުރަން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

comment ކޮމެންޓް