ޖޫނިއާ ޑޭވިސް އެންޑް ފެޑް ކަޕްގެ ކޮލިފިކޭޝަނަށް ދިވެހި ގައުމީ ޓެނިސް ޓީމު އިއުލާންކޮށްފި

ހަވަނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފައިލް ފޮޓޯ/ ޓެނިސް އެސޯސިއޭޝަން

ޖޫނިއާ ޑޭވިސް އެންޑް ފެޑް ކަޕުގެ ކޮލިފިކޭޝަންގައި ވާދަކުރާނެ ގައުމީ 16 އަހަރުން ދަށުގެ ސްކޮޑު، ޓެނިސް އެސޯސިއޭޝަނުން އިއުލާންކޮށްފިއެވެ.

މިއަދު އިއުލާންކުރި ގައުމީ 16 އަހަރުން ދަށުގެ ސްކޮޑުގައި ހިމެނެނޫީ އަންހެން ތިން ކުޅުންތެރިންނާއި ފިރިހެން ތިން ކުޅުންތެރިންނެވެ. ރާއްޖޭގެ ފަރާތުން ވާދަކުރާ ކުޅުންތެރިން ފުރަތަމަ ކުޅެން ޖެހޭނީ ޕްރި ކޮލިފިކޭޝަން ބުރެކެވެ. ޕްރީ ކޮލިފިކޭޝަން އަންނަ މަހު 12 އިން 18 އަށް ކުރިއަށްދާނީ ލަންކާއަށެވެ.

ޕްރީ ކޮލިފިކޭޝަންގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ފައިނަލް ކޮލިފިކޭޝަން ބުރުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެ ބުރު ކުރިއަށްދާނީ މެލޭޝިއާގައެވެ. ޕްރީ ކޮލިފިކޭޝަނުން ކޮލިފައިވާ ދެ ޓީމާއެކު ދެން ކޮލިފިކޭޝަންގައި ވާދަކުރާނީ ފިރިހެން އަދި އަންހެން ޑިވިޝަންގެ 14 ޓީމެވެ.

ޖޫނިއާ ޑޭވިސް ކަޕަކީ ދުނިޔޭގެ އެންމެ މަތީ ލެވެލްގެ ޖޫނިއާ ޓެނިސް ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. އެ މުބާރާތުގެ ފައިނަލް ބުރު މިއަހަރު ކުރިއަށްދާނީ ހަންގޭރީގެ ބުޑާޕެސްޓްގައެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ސްކޮޑުގައި ހިމެނުނީ 16 އަހަރުން ދަށުގެ އެއްވަނައަށް ރޭންކް ކުރެވިފައިވާ ފިރިހެން ކުޅުންތެރިޔާ ދާއިން މުހައްމަދު އަމީނާއި ދެވަނައަށް ރޭންކް ކުރެވިފައިވާ ޔޫސުފް އަހުމަދު އަކުރަމް އަދި ހަތަރުވަނައަށް ރޭންކް ކުރެވިފައިވާ ހުމައިދު އަބްދުލް ލަތީފެވެ.

ސްކޮޑުގައި ހިމެނުނު ތިން އަންހެން ކުދިންނަކީ އެއްވަނައަށް ރޭންކް ކުރެވިފައިވާ މަރިޔަމް ހަޝްމާ ހާނިމާއި ދެވަނައަށް ރޭންކް ކުރެވިފައިވާ އައިމިނަތު ޔާލާ ހުސައިން އަދި ތިންވަނަ އަށް ރޭންކް ކުރެވިފައިވާ އައިޝަތު ޔުމްނު ނިޔާޒެވެ.

ޓީމުގެ ކޯޗެއްގެ ގޮތުގައި ކުމާރު އަދިކަރީ ހަރަކާތްތެރިވާނެ އިރު ޓީމުގެ މެނޭޖަރުކަން ހަވާލުކޮށްފައިވަނީ ކުޅިވަރުގައި މަގުބޫލު ޝަހުސިއްޔަތެއް ކަމަށްވާ މުހައްމަދު ހާނިމެވެ.

މިދިޔައަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޗެކު ރިޕަބްލިކު ހޯދީ ފައިނަލްގައި އެމެރިކާ ބަލިކޮށްގެންނެވެ.

comment ކޮމެންޓް