ގޯލްޑް 100: ކުންފުނިތަކަކަށް ޝަރަފުވެރި އެވޯޑުތަކެއް

ގޯލްޑް 100 ގާލާގައި ބޭންކް އޮފް މޯލްޑިވްސްއަށް އެވޯޑު ލިބެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ނެރޭ ވިޔަފާރި މަޖައްލާ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބުރާސްފަތި ދުވަހުގެ ރޭ ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ބޭއްވި "ގޯލްޑް 100 ގަލާ"ގައި ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުންފުނިތަކަކުން އެތައް ވިޔަފާރިވެރިންނެއް ބައިވެރިވި އެވެ.

ރާއްޖޭގައި ހުރިހާ ގޮތަކުން އެންމެ ރަނގަޅު 100 ކުންފުނި، އެ ގާލާގައި ފާހަގަކޮށް އެވޯޑު ދިން އިރު، ވަކި ޚާއްސަ ކުންފުނިތަކަކަށް ވެސް ވަނީ ޝަރަފުތަކެއް ދީފަ އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ދިން ޚާއްސަ އެވޯޑުތަކަށް ކިޔަނީ "އިންޑިވިޖުއަލް އެކްސެލެންސް އެވޯޑް"އެވެ. ބުރާސްފަތި ދުވަހު އޮތް ގާލާގައި، ތަފާތު ދާއިރާތަކުން ފަސް ކުންފުންޏަކަށް އިންޑިވިޗުއަލް އެކްސެލެންސް އެވޯޑު ދިނެވެ.

ގޯލްޑް 100 ގާލާގައި އެސްޓީއޯއަށް އެވޯޑު ލިބެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއީ:

  1. އިންވެސްޓްމެންޓް އިން ކޮމިއުނިޓީސް: ބޭންކް އޮފް މޯލްޑިވްސް
  2. އޮޕަރޭޝަނަލް އެކްސަލަންސް: އެމްޓީސީސީ
  3. މާކެޓިންގް ކެމްޕެއިން އޮފް ދަ އިޔާ 2017: ދިރާގު
  4. ސީއެސްއާރު ކެމްޕޭން އޮފް ދަ އިޔާ 2017: އެސްޓީއޯ
  5. ލޮޖިސްޓިކްސް ކޮމްޕެނީ އޮފް ދަ އިޔާ 2017: އެފްއެސްއެމް

ގޯލްޑް 100 ގާލާގައި ވާހަކަ ދައްކަވަމުން، ކޯޕަރޭޓް މޯލްޑިވްސް މަޖައްލާ ނެރޭ މޯލްޑިވްސް ގެޓްއަވޭޒްގެ ސީއޯއޯ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ގޯލްޑް 100 ގެ ނަމުގައި 100 ކުންފުންޏެއް ހޮވަނީ ކުންފުނިތަކުގެ މެދުގައި މިންކުރުމަކަށް ނޫން ކަމަށެވެ.

"މިއީ ލިސްޓިންގްއެއް. ރާއްޖޭގައި ހުރި 13،000 އަށް ވުރެ ގިނަ ކުންފުނިތަކުގެ ތެރެއިން، އެކި ގޮތްގޮތަށް ބަލާފައި އެންމެ ރަނގަޅު 100 ކުންފުނި މި ހޮވަނީ،" އޭނާ ވިދާޅުވި އެވެ.

ގޯލްޑް 100 ލިސްޓުގައި ކުންފުނިތައް ހިމަނާފައި ވަނީ ވަކި ކްރައިޓީރިއާތަކަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ކުންފުނީގެ އޮޕަރޭޝަންތައް، ކުންފުނީގެ ކާމިޔާބީތަކާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން އިޖުތިމާއީ ޒިންމާއާއި، ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިވާ މިންވަރު ފަދަ ކަންކަމަށް ވަނީ ބަލައިފަ އެވެ.

comment ކޮމެންޓް