ގުދުސްގައި އަޅާ އެމެރިކާ އެމްބަސީ އަންނަ މޭ މަހު ހުޅުވާނެ: އެމެރިކާ

އެމެރިކާއިން ވަނީ އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެފައި -- ފޮޓޯ: އީޕީއޭ

ގުދުސް (ފެބްރުއަރީ 24): އިސްރާއީލުގެ ތެލް އަވީވުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކޮށް، އަންނަ މޭ މަހު އެ އެމްބަސީ ހުޅުވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެމްބަސީ ހުޅުވަން ހަމަޖެހިފައި ވަނީ އިސްރާއީލުން މިނިވަންކަން އިއުލާން ކުރިތާ 70 އަހަރު ފުރުމާ ދިމާކޮށް ކަމަށާއި އެއީ އެމެރިކާއިން އަޅާ ތާރީހީ ފިޔަވަޅެއް ކަމަށް ބުނެފަ އެވެ.

އިސްރާއީލުން މިނިވަންކަން އިއުލާން ކުރީ 14 މޭ 1948ގަ އެވެ. އެގައުމުން އެއީ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރި ނަމަވެސް ފަލަސްތީނުން އެދުވަސް ފާހަގަ ކުރަނީ އިސްރާއީލްގެ ދައުލަތް ގާއިމު ކުރުމަށް ޓަކައި ފަލަސްތީނުގެ އެތައް ހާސް މީހުން އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރު ކުރުވި ދުވަސްތައް ހަނދާން ކުރުމުގެ ގޮތުންނެވެ.

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަނެ އެގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރަން ނިންމުމާ ގުޅިގެން ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުން އަދި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އެމުޒާހަރާތަކުގައި މިހާތަނަށް 20 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ. (އަލްޖަޒީރާ)

comment ކޮމެންޓް