ޖިބޫޓީގައި ޔޫއޭއީ އިން ހިންގާ ކޮންޓެއިނާ ޓާމިނަލެއް އަތުލައިފި

އެފްރިކާގެ ޖިބޫޓީގައި ޔޫއޭއީ އިން ހިންގާ ކޮންޓެއިނާ ޓާމިނަލެއް، ޖިބޫޓީގެ ސަރުކާރުން އަތުލައިފި އެވެ.

ޔޫއޭއީގެ ޑީޕީ ވޯލްޑުން ހިންގަމުން ދިޔަ ޑޮރާލޭ ކޮންޓެއިނާ ޓާމިނަލް އަތުލާފައި ވަނީ އެތަން ހިންގުމަށް ވެފައިވާ އެއްބަސްވުމުގެ ބައެއް މާއްދާތަކުގައި ޖިބޫޓީގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ކަންތައްތަކެއް ހުރިކަމަށް ބުނެ އެވެ.

މި ޓާމިނަލް ސަރުކާރަށް ނަގައި، އެތަން ނޭޝަނަލައިޒް ކުރާނެ ކަމަށް ޖިބޫޓީގެ ސަރުކާރުން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ.

އެ ޓާމިނަލް ހިންގަން ޑީޕީ ވޯލްޑުން ވަނީ 30 އަހަރުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ. ދެހާސް ހަ ވަނަ އަހަރު އެތަން ހިންގަން އެ ކުންފުނިން ހަވާލުވެ، ޓާމިނަލް ހުޅުވާ މަސައްކަތް ފެށީ 2009 ގަ އެވެ.

މި ޓާމިނަލް އަކީ ޖިބޫޓީގެ އަވައްޓެރި އިތިއޯޕިއާ އަށް މުހިއްމު ޓާމިނަލްއެކެވެ. އެގައުމުގެ އިމްޕޯޓު އެކްސްޕޯޓުގެ ވިޔަފާރީގައި ޓަމިނަލްގެ ދައުރު ބޮޑެވެ.

ޓަމިނަލް އެއްބަސްވުން އުވާލަން ނިންމީ ޔޫއޭއީ އިން ޖިބޫޓީގައި މިލިޓަރީ ބޭސްއެއް އަޅާ ވާހަކަ ދައްކަން ފެށުމުން ކަމަށް ހަބަރުތައް ބުނެ އެވެ.

comment ކޮމެންޓް