"ނަމަސްތޭ އިންގްލޭންޑް" ރިލީޒް ކުރާނެ ދުވަސް ހަމަޖައްސައިފި

ޕްރޮޖެކްޓު އިއުލާނު ކުރިތާ އަހަރުތަކެއް ފަހުން، ޕަރިނީތީ ޗޯޕްރާ އަދި އަރްޖުން ކަޕޫރުގެ 'ނަމަސްތޭ އިންގްލޭންޑް'ގެ މަސައްކަތް ފެށި، ފިލްމު ރިލީޒް ކުރާނެ ތާރީޚު ހަމަޖައްސައިފި އެވެ.

ފިލްމުގެ ބަތަލާ ޕަރިނީތީ ކުރި ޓުވީޓެއްގައި ބުނީ ފިލްމު ރިލީޒް ކުރާނީ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

'ނަމަސްތޭ އިންގްލޭންޑް' އަކީ 2007 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ނަމަސްތޭ ލަންޑަން'ގެ ދެވަނަ ބަ އެވެ. ފުރަތަމަ ފިލްމުން ފެނިގެން ދިޔައީ އަކްޝޭ ކުމާރު އަދި ކެޓްރީނާ ކައިފް އެވެ.

ފިލްމުގެ ކާމިޔާބާ އެކު ޑައިރެކްޓަރު ވިޕުލް އަމްރުތުލާލް ވަނީ ފިލްމުގެ ދެވަނަ ބައެއް ފެންނާނެ ކަމަށް ބުނެފަ އެވެ. އަދި 2011 ވަނަ އަހަރު ވަނީ އަކްޝޭ އާ އެކު ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ފަށަން އުޅޭކަމަށް ބުނާ ރިޕޯޓުތަކެއް ވެސް އާންމުވެފަ އެވެ.

ނަމަވެސް ދެވަނަ ފިލްމެއްގެ މަސައްކަތް މި ފެށުނީ، ފުރަތަމަ ފިލްމު ރިލީޒް ކުރިތާ 11 އަހަރު ފަހުންނެވެ.

ފިލްމުގެ ވާހަކަ އާއި ގުޅޭ މާ ގިނަ ތަފްސީލުތަކެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، 'ނަމަސްތޭ ލަންޑަން' އާ މާބޮޑު ގުޅުމެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.

'ނަމަސްތޭ އިންގްލޭންޑް' ވެގެން ދާނީ އަރްޖުން އާއި ޕަރިނީތީ އެކުގައި ފެނިގެންދާނެ ތިން ވަނަ ފިލްމަށެވެ. މީގެ ކުރިން ފިލްމު 'އިޝަގްޒާދޭ' އިން ދެމީހުން ފެނިގެން ގޮސްފައިވާ އިރު، 'ސަންދީޕް އޯރް ޕިންކީ ފަރާރް'ގައި ވެސް ދެމީހުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެ ފިލްމު އަދި ރިލީޒް ކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް