ސިޔާސީ އަމަލެއްގެ ސަބަބުން ގާޑިއޯލާއާ މެދު ފިޔަވަޅު އަޅަނީ

ވިގަން މެޗުގައި ގާޑިއޯލާގެ ޓީޝާޓުން ފެނުނު ރީނދޫ ރިބަންކޮޅު އޭނާ އަންނަނީ ނޫސް ކޮންފަރެންސް ތަކުގައިވެސް ބޭނުން ކުރަމުން: އެހެން ނަމަވެސް ދަނޑު ހިމެނޭ ސަރަހައްދުގައި ރިބަން ބޭނުން ނުކުރަމަށް އެފްއޭއިންވަނީ ކުރިން ގާޑިއޯލާއަށް އިންޒާރު ދީފައި ---

އެފްއޭ ކަޕުގައި މެންޗެސްޓާ ސިޓީއާއި ވިގަން އެތުލެޓިކް ވާދަކުރި މެޗުގައި ސިޓީގެ ކޯޗ،ު ޕެޕް ގާޑިއޯލާގެ ފަރާތުން ފެނުނު ސިޔާސީ އަމަލެއްގެ ސަބަބުން އިނގެރޭސި އެފްއޭއިން އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފިއެވެ.

ވިގަންއާ ދެކޮޅަށް ކުޅުނު މެޗުގައި ގާޑިއޯލާ ލައިގެން ހުރި ޓީޝާޓުގައި ޖަހައިފައިވާ ރީނދޫ ރިބަން ކޮޅުން އޭނާ ދީފައިވާ މެސެޖު ރައްދުވަނީ ކެޓަލޯނިއާގެ ސިޔާސީ މަސްރަހަށެވެ.

ކެޓަލޯނިއާގެ މިނިވަންކަމަށް ފާޅުގައި ވަކާލާތުކުރާ ގާޑިއޯލާ މެޗަށްފަހު ބުނެފައިވަނީ އޭނާގެ ޖެކެޓުގައި ޖަހައިފައި ހުރި ރިބަންކޮޅުން ދޭ މެސެޖަކީ ބަންދުގައި ތިބި ކެޓަލޯނިއާގެ ސިޔާސީ ލީޑަރުންނަށް ދޭ މެސެޖެއް ކަމަށެވެ. އަދި ރިބަންކޮޅު ނަގާނީ ލީޑަރުން ދޫކޮށްލުމުން ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

އެފްއޭއިން ރޭ ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ގާޑިއޯލާގެ ރިބަންކޮޅު ރަމްޒުކޮށްދެނީ ސިޔާސީ ބޭނުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އިނގިރޭސި އެފްއޭގެ ގަވާއިދު ބުނާގޮތުން ހެދުން އެޅުމާއި، އިޝްތިހާރު ކުރުމުގެ ގަވާއިދުތަކާ ގާޑިއޯލާ ހިލާފުވެފައިވާ ކަމަށެވެ.

ގާޑިއޯލާގެ ސިޔާސީ ބައެއް އަމަލުތަކާ ގުޅިގެން މިދިޔަ އަހަރު ނޮވެމްބަރު މަހު އިނގިރޭސި އެފްއޭއިން އޭނާއާ ވާހަކަ ދައްކާފައިވާއިރު، ގާޑިއޯލާ މިފަހަރު ކުށްވެރިވެފައިވަނީ ބެންޗުގައި އޭނާގެ ރީނދޫ ރިބަންކޮޅު ބޭނުން ކުރުމުންނެވެ.

ވިގަން މެޗުގައި ގާޑިއޯލާގެ އަންނައުނުގައި ހަރުކޮށްފައި އިން ރީނދޫ ރިބަންކޮޅު އޭނާ އަންނަނީ ނޫސް ކޮންފަރެންސް ތަކުގައިވެސް ބޭނުން ކުރަމުންނެވެ. އެހެން ނަމަވެސް ދަނޑު ހިމެނޭ ސަރަހައްދުގައި ރިބަން ބޭނުން ނުކުރުމަށް އިނގިރޭސި އެފްއޭއިން ގާޑިއޯލަށްވަނީ އަންގައިފައެވެ.

އިނގިރޭސި އެފްއޭއިން ބުނެފައި އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ގާޑިއޯލާ އެފްއޭއަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް