އިދިކޮޅަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރެވޭނެ: އަލީ އާރިފްް

ޕީޕިއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު ފަރާތްތަކަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އާރިފް ވިދާޅުވީ އިދިކޮޅުގައި ތިއްބެވީ ރިޔާސީ ކެންޑިޑޭޓަކު ނެރެން ގޮވާލައިފި ނަމަ އެއްބޭފުޅަކު އަނެއްބޭފުޅަކާ ތަޅާފޮޅައިގަންނާނެ ބޭފުޅުން ކަމަށެވެ.

އެގޮތުން އަދާލަތު ޕާޓީއާއި އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ މީހުން ތަޅާފޮޅައިގަންނާނެ ކަމަށް އާރިފު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކޮންބޭފުޅެއްކަން އެ ޕާޓީގެ މެންބަރުންނަށާއި ތާއީދު ކުރާ ފަރާތްތަކަށްވެސް އެނގޭ ކަމަށެވެ.

ޕީޕިއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅުގައި މަސައްކަތް ކުރާ ހައެއްކަ ބޭފުޅަކު މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމުގައި ކަމަށް އާރިފް ތުހުމަތު ކުރެއްވިއެވެ.

"އަމިއްލަ މަސްލަހަތުގައި މަސައްކަތްކުރައްވާ ހަ ފަރާތަކުން ގައުމު ވިއްކައިފި" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް އެއްމަސްތެރޭ ރާއްޖެ ބަނގުރޫޓުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވައި އާރިފް ވިދާޅުވީ އެއްމަސްތެރޭ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށެވެ. ރާއްޖޭގެ ރިޒާވުގައި ފައިސާ ހުރި މިންވަރު ރައީސް ޔާމީނުގެ ރިޔާސީ ބަޔާނުގައި ހާމަކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިދިކޮޅުން ކުރާ ކަމަކީ ތަރައްގީއަށް ހުރަސްއެޅުން. އެ ބޭފުޅުން ކުރައްވާ މަސައްކަތުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް،" އަލީ އާރިފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓިތަކުގެ މަޝްވަރާގައި ރާއްޖެއިން ބޭރުގެ ފަރާތްތައް މެދުވެރިއަކަށް ނުހެދުމަށް އާރިފް ވަނީ ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ގާބިލްކަން ދިވެހީންގެ ކިބައިގައި ހުންނަންވާނެ ކަމަށެވެ.

comment ކޮމެންޓް