ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖެ ބަނޑަކަށް ނުޖެހޭނެ: އަދުރޭ

ޕީޕީއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް ޔާމީނުގެ ޒައާމަތުގައި ރާއްޖެ ބަނޑަށް ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ރާއްޖެ ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު ދެއްވި ކަމަށެވެ. ގާސިމްގެ އެ ވާހަަކަފުޅަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަފުޅެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ރޭ ނޫންކުރީރޭ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ބައްލަވާ ލެއްވީމަވެސް އެނގިވަޑައިގަންނަވާނެ އަދި އެ ވިދާޅުވާހާ ފަސޭހައިން ރާއްޖެ ބަނޑަށް ޖެހެން ނެތް ކަން. ރާއްޖޭގެ ރިޒާވުގަ މިހާރުވެސް ހުރި މިންވަރު ރައީސް ޔާމީން އެރޭވެސް ވިދާޅުވެ ދެއްވި. އެހެންވީމަ އެއީ އެއްވެސް ތާކުންތަކު ޖެހޭ ވާހަކައެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް އިދިކޮޅުން ދައްކަވަނީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން، އެފަރާތްތަކުން ބޭނުންވާ މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ.

"ކުރިއަށް އޮތް އެއްމަސްދުވަހަކު ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިގައުމު ބަނޑަށް ޖެހުމާ ހަމައަކަށް ދެން އިރާދަކުރެއްވިއްޔާ ނުދާނެ. އަޅުގަނޑުމެންނަށް ދަންނަވަން ކެރޭ މި ޒައާމަތަކު އެކަމެއް ދިމައެއް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.

އެފަދަ ވާހަކަތައް ދައްކަނީ ބަޣާވާތްކޮށްގެން ވެރިކަން ވައްޓައި ނުލެވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެކި ސިފަސިފާގައި ބަޣާވާތް ކޮށްފިކަމަށާއި އެކަން ކާމިޔާބު ނުވުމުން މިހާރު މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންކޮށްގެން، ރައްޔިތުންނަށް އަނިޔާ ލިބުނަސް ހެޔޮކަމަށް ހަދައިގެން ވެރިކަން ވައްޓާލަން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް މީޑިއާ ތަކަށް އިންޓަވިއުދެއްވާ ކަމަށާއި، ގައިދީންގެ ގޮތުގައި ތިބޭ މީހުންގެ އިންޓަވިއުތައް ގެނެސްދިނުމަކީ ކުރެވިގެންވާނެކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދާއި ގާސިމް ރާއްޖެ ގެންނަން ޖެހޭކަމަށް ގަބޫލުކުރައްވަންތޯ ކުރި ސުވާލެއްގެ ޖަވާބުގައި އަދުރޭ ވިދާޅުވީ އެގޮތަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ދެބޭފުޅުންނަކީ ބޭރުގެ ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ދެބޭފުޅުން ކަމަށާއި، އެއްގައުމެއްގެ ހިމާޔަތުގައި ތިބޭ މީހުން އަނެއް ގައުމަކަށް ގެންދާނަމަ އަމަލުކުރަންޖެހޭ އުސޫލުތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ އުސޫލުތަކުގެ ތެރެއިން ސަރުކާރުން އަމަލުކުރާނެ ކަމަށް ޔަގީންް ކުރައްވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ އެ ހުކުމަކީ ގޯސް ހުކުމެއްކަމަށް "ބަޣާވާތުގެ" އެންމެ އަޑީގައި ތިއްބެވި ބައެއް ބޭފުޅުން މިހާރު ގަބޫލުކުރާ ކަމަށެވެ. އެއީ ކޮންބައެއްކަން ފަހުން ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ އާއި ނޯތްކޮރެއާ އާއި އެއްގޮތް ކުރައްވާފައިވާތީ އަދުރޭ އެކަން ކުށްވެރިކުރެއްވިއެވެ.

އަބްދުރަހީމް ވިދާޅުވީ ބޮޑެތި ގައުމުތަކުން ރާއްޖެއާ ނޯތް ކޮރެއާ އާއި ގުޅުވައިގެން ވާހަކަ ދެއްކުން ގަބޫލު ނުކުރާ ކަމަށާއި ރާއްޖެ އާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ ކުރިން އެ ގައުމުތަކުގެ އަމިއްލަ ކަންތައް ރަނގަޅު ކުރަން ގޮވާލާ ކަމަށެވެ.

comment ކޮމެންޓް