ކުނޫޒުތެރެއަށް ޕެޕާސްޕުރޭ ޖެހި މައްސަލަ އެންއައިސީއަށް ހުށަހަޅައިފި

ފުލުހުންނާއި ނޫސްވެރިން ކުނޫޒުގެ މައި ދޮރު ކުރިމަތީގައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒު ތެރެއަށް ފުލުހުން ރޭ ވަދެ، އެތަނުގައި ތިބި މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހި މައްސަލަ އެ ޕާޓީގެ ފަރާތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅައިފި އެވެ.

އެންއައިސީގެ ނައިބް ރައީސްއަށް ޖޭޕީން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ރޭ ފުލުހުން ކުނޫޒަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ހޯދުމަކާނުލައި އެތަނުގައި ތިބި ރައްޔިތުންނަށް ގަސްތުގައި އަނިޔާ ދިނުމުގެ މަގްސަދުގައި ކަމަށެވެ.

އެގޮތުން އެތަނުގައި ތިބި މީހުން ހިފަހައްޓައި އެމީހުންގެ މޫނަށާއި ލޮލަށް އަމާޒުކޮށް ފޫޓަކަށްވުރެ ވެސް ކައިރިން ޕެޕާ ސްޕްރޭ ޖަހައި އަނިޔާވެރިކޮށް ބައެއް މީހުން އެތަނުން ބޭރުކޮށްފައިވާ ކަމަށް އެ ޕާޓީން ފޮނުވި ސިޓީގައި ވަނީ ތުހުމަތު ކޮށްފައެވެ.

އެހެންކަމުން ފުލުހުން ރޭ ހިންގި އަމަލުތަކަކީ އިންސާނިއްޔަތު ހިލާފު އަމަލުތަކެއް ކަމަށް ސިފަކޮށް، އެ މައްސަލަތައް ބަލައިދިނުމަށް ޖޭޕީން އެދިފައިވެ އެވެ.

ޖޭޕީން އެންއައިސީއަށް ފޮނުވި ސިޓީގައި، ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ފިޓު ޖެހި، އަދިވެސް ހޭނާރާ ކަމަށް އާއިލާއިން ބުނާ މީހާގެ ވާހަކަވެސް ފާހަގަކޮށްފައިވެ އެވެ.

ޖޭޕީން ބުނީ، ފުލުހުން ރޭ ކުނޫޒު ތެރޭގައި ހިންގި އަމަލުތަކުގެ ތެރޭގައި މ. ގޯނބިލިގަސްދޮށުގެ އަބްދުﷲ ސަލީމްގެ މޫނަށާއި އަނގަޔަށާއި ލޮލަށް ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އޭނާ ފިޓްޖެހި ހޭނެތުމުންވެސް އޭނާއަށް ފުލުހުން އެހީތެރިދީފައި ނުވާ ކަމަށެވެ.

"އިންސާނިއްޔަތަށްޓަކައި ވެސް އެހީތެރިވުމުގެ މަގްސަދު އެފަދަ ފުލުހުންގެ ކިބައިގައި ނެތްކަމުން މިއަދު އަބްދުﷲ ސަލީމް އެގެންދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފުރާނަޔާ ހަނގުރާމަކުރަމުންނެވެ." އެންއައިސީއަށް ޖޭޕީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ސަން އަށް މިއަދު މައުލޫމާތު ދެއްވަމުން އަބްދުﷲ ސަލީމްގެ ބޭބެ ބުނީ، ކޮއްކޮ އަށް މިހާރު ވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އަދިވެސް ހޭނާރާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް