ރައީސް ނަޝީދު އައްޑޫ ރައްޔިތުންނަށް ދެއްކީ ހުސް ހުވަފެން: މިނިސްޓަރު ތޯރިގު

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ދެއްކެވީ ހުވަފެން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި މިއަދު ބޭއްވި "މަގެ ދީނާ މަގެ ގައުމާ" ރެލީގައި ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން އައްޑޫ ސިޓީ އަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އަބަދުވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްކީ ހުސް ހުވަފެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަރުދަމަ އަޅުއްވާދެއްވައިފި، ފެން އަޅުއްވާ ދެއްވައިފި. ދެން ކޮން ކަމެއްތޯ؟ ހޮސްޕިޓަލް ނިމެނީ. އެބޭފުޅުންނަށް އެއްވެސް ކަމެއް ކުރެވުނުތޯ؟" މިނިސްޓަރު ސުވާލު ކުރެއްވިއެވެ.

އެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށް ކުރަންޖެހޭ ކަންތައް އެންމެ ރަނގަޅަށް އެނގޭ މީހުން ތިބީ ޕީޕީއެމްގައި ކަމަށެވެ.

"އެ ފަންޑިތަ އެންމެ ރަނގަޅަށް އެނގޭ މީހުން ތިބީ ޕީޕީއެމްގައި. ﷲ އިރާދަކުރެއްވިއްޔާ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރާނަން،" ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ނުކޮށްދޭ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ރައީސް ޔާމީން ވެރިކަމަށް ހޮވިއްޖެނަމަ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ބޭނުންތައް ފުއްދައިދެއްވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް