ނޭމާއަކީ ހުނަރުގެ ގޮތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ: ޕެލޭ

ނޭމާ ބްރެޒިލް ޖާޒީގައި ---

ނޭމާއަކީ ހުނަރުގެ ގޮތުން އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތު ތިބި 'ސްޕަ ސްޓާރުން'ނަކީ ނޭމާގެ އިތުރުން ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެކަނި ކަމަށް ފުޓުބޯޅަ ލެޖެންޑް ޕެލޭ ބުނެފިއެވެ.

'ފީފާ ޑޮޓް ކޮމް' އަށް ޕެލޭ ދިން އިންޓަވިއުއެއްގައި އޭނާވަނީ ނޭމާގެ ހުނަރާއި ބްރެޒިލަށް ކުރިއަށް އޮތް ވޯލްޑް ކަޕު ހޯދުމަށް އޮތް ފުރުސަތުތައްވެސް ފާހަގަކޮށްފައެވެ.

"ދުނިޔޭގައި މިހާރު ތިބި 'ސްޕަ ސްޓާ' ކުޅުންތެރިންނަކީ ނޭމާގެ އިތުރުން މެސީ އަދި ރޮނާލްޑޯ. އޭގެތެރެއިންވެސް ނޭމާއަކީ ހުނަރުގެ ގޮތުން އެންމެ މޮޅު ކުޅުންތެރިޔާ،" އުމުރުން 77 އަހަރުގެ ޕެލޭ ބުންޏެވެ.

ޕެލޭ ބުނީ ނޭމާއަކީ އަންނަ ވޯލްޑް ކަޕަށް، ބްރެޒިލަށް އެންމެ މުހިއްމުވާނެ ކުޅުންތެރިޔާ ކަމަށެވެ. އެހެން ނަމަވެސް މިހާރުގެ ފުޓުބޯޅައިގައި އެންމެ މުހިއްމީ އެކުވެފައިވާ ޓީމެއް ކަމަށްވެސް ޕެލޭ ފާހަގަކުރިއެވެ.

"ނޭމާއަކީ ގައުމީ ޓީމަށް އެންމެ މުހިއްމު ކުޅުންތެރިޔާ. އެކަމަކު މިހާރުގެ ފުޓުބޯޅައިގައި އެންމެ ވިސްނަން ޖެހޭނީ ޓީމެއްގެ ގޮތުގައި ކުޅެން. ޖަރުމަނުގެ ގައުމީ ޓީމުން އެންމެފަހުން ވޯލްޑް ކަޕު ހޯދީވެސް ޓީމެއް ކުޅެގެން،" ޕެލޭ ބުންޏެވެ.

ޕެލޭ އިތުރަށް ބުނީ ނޭމާއަކީ ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިއެއްކަން އެނގެނީ އޭނާގެ ކްލަބާއި ގައުމީ ޓީމަށް ތަފާތު މަގާމުތަކަށް ކުޅެމުންދާތީ ކަމަށެވެ.

"ނޭމާ ކުރަމުންދަނީ ވަރަށް އުނދަގޫ ކަމެއް. ކްލަބުގައި ކުޅޭ މަގާމަކަށް ނޫން ގައުމުގައި ކުޅެނީ. ޕީއެސްޖީގައި އޭނާ ކުޅެނީ ވިންގަށް. ބްރެޒިލްގައި ކުޅެނީ 'ނަންބަރ 10' އަކަށް. އެގޮތަށް މަގާމު ބަދަލުވިވުމަކީ އުނދަގޫ ކަމެއް. އެކަމަކު ނޭމާ ވަރަށް ރަނގަޅަށް އެކަމަށް ހޭނިއްޖެ،" ޕެލޭ ބުންޏެވެ.

ޕެލޭވަނީ ބްރެޒިލް ގައުމީ ޓީމާއެކު ތިން ފަހަރަށް ވޯލްޑް ކަޕު އުފުލައިލާފައެވެ. އޭނާއަކީ ތިން ވޯލްޑް ކަޕު އުފުލާލީ ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.

comment ކޮމެންޓް