ގައުމުގައި ސުލްހަ މަސަލަސްކަން ދެމިއޮތީ ދީނީ އެއްބައިވަންތަކަމުގެ ސަބަބުން: ހުތުބާ

އިސްލާމީ މަރުކަޒުގައި މީހުން ނަމާދުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މިއަދާ ހަމައަށް އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމިއޮތީ، ދިވެހީންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ހުތުބާގެ މައުޟޫއަކީ އެއްބައިވަންތަކަމެވެ.

ހުތުބާގައި ބުނީ، މުސްލިމުންނަކީ އެއްބައިވަންތަކަމުގެ ބިނާއަށް ލޮޅުމެއް އަރާފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށެވެ.

"އިސްލާމީ އުންމަތަށް ލިބިފައިވާ ހުރިހާ ކާމިޔާބަކާއި ކުރިއެރުމެއްގެ އަސާސަކީ އިސްލާމީ އެއްބައިވަންތަކަން. މިކަން ހީނަރުވެގެން ދިޔަ ކޮންމެ ދަނޑިވަޅެއްގައި މުސްލިމުން ވަނީ ބަލިކަށިވެ، ނިކަމެތިވެފައި،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމުން އެއްބައިވެ، އިސްލާމްދީނުގައި ހިފެހެއްޓުމަށް ދީނުގައި އަންގަވާފައިވާ އިރު، އިސްލާމީ މުޖުތަމައެއްގައި ދިރިއުޅޭ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަމާ އެއްބައިވަންތަކަމަކީ ނިއުމަތެއް ކަމަށެވެ. އަދި އިސްލާމީ މުޖުތަމައެއްގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް އުނިކަމެއް އނަްނަ އަމަލެއް ހިންގުމަކީ އިސްލާމީ ރިވެހި އަހްލާގީ އުސޫލުތަކާ ޚިލާފުކަމެއް ކަމަށެވެ.

ހުކުރު ހުތުބާގައި އިތުރަށް ބުނެފައިވަނީ، މުޖުތަމައު ބައިބައިކުރުމަށް މަސައްކަތްކުރާ މީހުންނަކީ އެހެން މީހުންގެ އަބުރާއި އިއްޒަތަށް އެއްވެސް ގޮތަކަށް ބަލައި އުޅޭ ބައެއް ނޫން ކަމަށެވެ.

"ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމު އަޚާގެ އަބުރާއި އިއްޒަތަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ. އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ނަންނަމުން މުހާތަބުކުރުމަކީ ދީނުގައި ވބަރަށް ބޮޑު ފާފައެއް. މިހެންކަމުން އިންސާނީ ނަފްސުގެ ހުރުމަތްތެރިކަން ކެނޑޭފަދަ އެއްވެސް އަމަލެއް ހިންގުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން،" ހުތުބާގައި ވެއެވެ.

ހުކުރު ހުތުބާގައި ބުނީ ރާއްޖޭގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އެންމެ އަސާސީ ނުކުރަނީ އިސްލާމްދީން ކަމަށެވެ. އެހެންކަމުން ގައުމުގެ އެކުވެރިކަމާއިވަގުދަތު ދެމެހެއްޓުމަށްޓަކައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދަކަށްވެސް ލާޒިމުކަމެއް ކަމަށް ހުތުބާގައި ބުނެއެވެ.

އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކުގެ ސަބަބަކީ ޒަމާނުއްސުރެ އުފެދިފައި އޮންނަ ދީނީ ނުވަތަ ނަސްލީ ދެކޮޅުވެރިކަން ކަމަށާއި، ނަމަވެސް މިފަދަ ކަމެއް ދިވެހީންގެ މުޖުތަމައުގައި ނެތްކަން ހުތުބާގައި ފާހަގަކުރިއެވެ.

comment ކޮމެންޓް