އެމްއެންޔޫ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް، މިފަހަރު ވަރަށް ފޯރިގަދަ!

ރޭ ބޭއްވި ފެށުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ 12 ޓީމު ބައިވެރިވި --- ފޮޓޯ/ އެމްއެންޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިންޓަ ފެކެލްޓީގެ ވޮލީ މުބާރާތް ފެށިގެންދިޔައީ ރޭގައެވެ.

ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތުގައި ވާދަކުރަނީ ޖުމްލަ 12 ޓީމެވެ. އެއީ ފިރިހެން ޑިވިޝަންގެ ހަ ޓީމާއި އަންހެން ޑިވިޝަންގެ ހަ ޓީމެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޕީއީ ހޯލްގައި ރޭ ބޭއްވި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު އަދީލެވެ. އެ ރަސްމިއްޔާތުގައި އަދީލްގެ އިތުރުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ އައިޝަތު ޝާހީނާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭ ބޭއްވި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯޯ/ އެމްއެންޔޫ

މުބާރާތް ފެށުމުގެ ގޮތުން އަދީލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމްއެންޔޫއަކީ ވޮލީ ކުރިއެރުވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ޔުނިވާސިޓީއެއް ކަމަށެވެ. ގިނަ އަދަދެއްގެ ޓީމުތައް ބައިވެރިކޮށް މުބާރާތެއް ބާއްވާތީ އުފާކުރައްވާ ކަމަށާއި، ބައިވެރިވި ހުރިހާ ކުދިންނަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އަދީލް ވިދާޅުވިއެވެ.

މުބާރާތުގައި ކުޅޭ ހުރިހާ ޓީމަކާއެކު ޝަރަފުވެރި މެހެމާނާއި އެހެނިހެން އިއްޒަތްތެރިން --- ފޮޓޯ/ އެމްއެންޔޫ

މުބާރާތުގައި ރޭ ކުރިއަށް ގެންގޮސްފައިވަނީ ދެ މެޗެކެވެ. އެއީ ފިރިހެން ޑިވިޝަންގެ މެޗަކާއި އަންހެން ޑިވިޝަންގެ މެޗެކެވެ. ރޭ ކުޅުނު ދެ މެޗުގައިވެސް ފާހަގަކޮށްލެވުނީ ސަޕޯޓަރުންގެ އަޑު ގަދަކަމެވެ.

ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސް (އެފްއެޗްއެސް) އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ވާދަކޮށް ސީދާ ދެ ސެޓުން މެޗު ގެންދިޔައީ އެފްއެޗްޓީއެސްއެވެ.

ރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗުގައި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްއާއި އެމްއެންޔޫ ބިޒްނަސް ސްކޫލް ވާދަކުރި މެޗު ސީދާ ދެ ސެޓުން ގެންދިޔައީ ބިޒްނަސް ސްކޫލެވެ.

އެމްއެންޔޫއިން ކުރިއަށް ގެންދާ އިންޓާ ފެކަލްޓީ މުބާރާތުގެ މައިގަނޑު މަގުސަދަކީ ވީއޭއެމްއިން ބާއްވާ އިންޓާ ކޮލެޖު-ޔުނިވާސިޓީ ވޮލީ މުބާރާތަށް އެ ޔުނިވާސިޓީގެ ސްކޮޑު އެކުލަވާލުމެވެ.

މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

އެގޮތުން އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަންގެ އެކްޓިވިޓީސް ވައިސް ޕްރެސިޑެންޓް ހަސަން ޝާހު "ސަން ސްޕޯޓްސް"އަށް ވިދާޅުވީ މިފަހަރުގެ މުބާރާތް ފެންނަނީ ވަރަށް ފޯރިގަދަކޮށް ކަމަށާއި އުންމީދަކީ މުބާރާތް އިތުރަށް ފޯރި ގަދަވުން ކަމަށެވެ.

ޝާހު ވިދާޅުވީ ރޭ ފެށިގެންދިޔަ މުބާރާތުގެ މެޗުތައް އެ ޔުނިވާސިޓީގެ ވޮލީ ޓީމުގެ ހެޑް ކޯޗު ބަލަމުންދާނެ ކަމަށެވެ.

މިއަދާއި މާދަމާވެސް މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު، ފައިނަލް މެޗުތައް އޮންނާނީ މާދަމާ ރޭއެވެ. އެމްއެންޔޫ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް 2018 ގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް