ރާއްޖެއާ ފިލިޕީންސްއާ ދެމެދު ވައިގެ ދަތުރުތައް ކުރުމަށް މަޝްވަރާ ފަށަނީ

ފިލިޕީން އެއާލައިންސްގެ މަތިންދާބޯޓުތަކެއް ---

ރާއްޖެއާ ފިލިޕީންސްއާ ދެމެދު ވައިގެ ދަތުރުތައް ކުރަން ފެށުމާ ގުޅޭގޮތުން، ދެގައުމުގެ ސިވިލް އޭވިއޭޝަނާ ބެހޭ އިދާރާތަކުން މަޝްވަރާކުރަން ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.

ފިލިޕީންސްގެ "ބިޒްނަސް މިރަރ" ނޫހުން ރިިޕޯޓުކުރާ ގޮތުގައި، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން ވަނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އޯޕަން-ސްކައި އެއްބަސްވުމެއް. އޭގެ މާނައަކީ ވަކި ލިމިޓެއް ނެތި، ހުރިހާ ފަރާތަކަށްވެސް ދަތުރުކުރެވޭނެއޭ،" ސިވިލް އޭވިއޭޝަންގެ ޗެއާމަން އެ ނޫހަށް ވިދާޅުވިއެވެ.

ފިލިޕީންސްގެ ސިވިލް އެރޮނޯޓިކްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ކާމެލޯ އާކިލާ ވިދާޅުވީ ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމާ ބެހޭ މަޝްވަރާތައް މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި، މެނީލާގައި ކުރިޔަށް ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ ރާއްޖެއާ އެކު އޭވިއޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރަން،" އޭނާ ވިދާޅުވިއެވެ.

މިވަގުތު ފިލިޕީންސްއާ ރާއްޖެއާ ދެމެދު ދަތުރުކުރަން އެދޭ ފަރާތްތަކުން ދަތުރުކުރަން ޖެހެނީ ކުއަލަ ލަމްޕޫރު، ސިންގަޕޫރު ނުވަތަ ޓޯކްޔޯގައި ޓްރާންސިޓު ކޮށްގެންނެވެ.

ބިޒްނަސް މިރަރ ނޫހުން ބުނީ، ފިލިޕީންސްގެ ގައުމީ އެއާލައިން "ފިލިޕީން އެއާލައިންސް"އިން ދަނީ، އެގައުމުގެ ވެރިރަށް މެނީލާއާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރެވިދާނެތޯ ބަލަމުންނެވެ.

ފަތުރުވެރިކަމާ ބެހޭ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، 2017 ވަނަ އަހަރު ފިލިޕީންސްއިން ރާއްޖެއަށް އައިސްފައިވަނީ 10،532 ފަތުރުވެރިއެކެވެ. އޭގެ ކުރީ އަހަރު އައި ފަތުރުވެރިންގެ އަދަދަކީ 9،551 އެވެ.

comment ކޮމެންޓް