ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ވަމުންދާތީ ސަރުކާރުން މަރުހަބާ ކިޔައިފި

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު އަދި މެމްބަރު އަކްރަމް---ސަން ފޮޓޯ/މުހައްމަދު އަފްރާހް

މިއަހަރުގެ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާތީ ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާއި ގަވައިދުތަކުގައި ބުނާ ގޮތަށް މިއަހަރުގެ ރިޔާސީ އިންތިޚާބު، ގާނޫނު އަސާސީގައި ވާގޮތުގެ މަތިން މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށް އިލެކްޝަންސް އިން މިއަދު ބުނެފައިވާތީ އެކަމަށް މަރުހަބާ ކިޔާކަމަށެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ 2008ގެ ފަހުން ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އިންތިޚާބުތަކަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކެއްކަމުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި އަދި ބޭރުގެ ފަރާތްތަކުން ޤަބޫލުކޮށްފައިވާ ކަމަށާއި، މި އަހަރުގެ ރިޔާސީ އިންތިޚާބަކީވެސް، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރާނެކަމުގެ ޔަގީންކަން ދިވެހި އެންމެ ރައްޔިތުންނަށާއި، އަދި ބޭރުގެ ފަރާތްތަކަށް ދޭ ކަމަށެވެ.

އެހެން ފަހަރުތަކެކޭ އެއްފަދައިން ރިޔާސީ އިންތިޚާބުގައިވެސް ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާނޭކަމަށާއި، ޚާއްޞަގޮތެއްގައި ދައުލަތާއެކު އިންތިޚާބުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރެއްވުމަށްފަހު، ޔޫރަޕިއަން ޔޫނިއަނުން ދެއްވާފައިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އެ ބަޔާނުގައިވެއެވެ.

ޑިމޮކްރެސީއެއްގެ ބިންގަލަކީ މިނިވަން އިންސާފުވެރި ޢަދުލުވެރި އިންތިޚާބެއް ކަމަށާއި، މިފަދަ އިންތިޚާބަކީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުން ދެމިއޮތުމަށްވެސް މުހިއްމުކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އެހެން އިންތިޚާބުތަކެކޭ އެއްފަދައިން ރިޔާސީ އިންތިޚާބުގެ ކަންކަން ދިވެހިރާއްޖޭގައި ކުރިޔަށްދާގޮތް ބެލުމަށް، ރާއްޖެއަށް އަންނަ ބޭރުގެ ފަރާތްތަކަށް ސަރުކާރުން މަރުޙަބާ ކިޔާނެ ކަމަށް ބަޔާނުގައިވެއެވެ.

އަދި ޤައުމީ މަސްލަހަތު އިތުރަށް ގޯސްވެދާނެފަދަ ޢަމަލުތައް ނުކުރުމަށާއި ރާއްޖޭގެ އާންމު ޙާލަތު އިޢާދަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތައްތަކުން އެއްކިބާވެތިބުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ފަރާތްތަކަށާއި، ބޭރުގެ ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.

އިލެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން މިހާރު ފަށާފައިވާ ކަމަށެވެ. އިންތިޚާބު ރަސްމީކޮށް އިއުލާނު ކުރާނީ ޖުލައިމަހު ކަމަށާއި ގާނޫނުގައި ވާގޮތުގެ މަތިން ސެޕްޓެމްބަރު މަހު އިންތިޚާބު އޮންނާނެ ކަމަށްވެސް އެ ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

comment ކޮމެންޓް