ސޯމާލިއާގައި މިހާރު އެންމެ މަގުބޫލީ ތުރުކީގެ ފިލްމުތައް

ސޯމާލިއާގެ ވާހަކަ ގިނައިން އިވެނީ ކަނޑުފޭރޭ މީހުންނާ ގުޅުވައިގެންނެވެ. އެކަމަކު މިފަހަރު މިއޮތީ އެކަހަލަ ބިރުވެރި ކަމެއްގެ ވާހަކައެއް ނޫނެވެ. އެގައުމުގައި މުނިފޫހިފިލުވުމުގެ ކަންތައް އޮތް ގޮތުގެ ވާހަކައެވެ.

އެފްރިކާ ބައްރުގައި އޮންނަ މި ގައުމުގައި ދާދި ފަހަކާ ޖެހެންދެން އެންމެ މަގުބޫލީ ހޮލީވުޑް އަދި ބޮލީވުޑްގެ އުފެއްދުންތަކެވެ. އެކަމަކު މި ދެ އިންޑަސްޓްރީ ފަހަތަށް ޖައްސައިލުމަށްފަހު ތުރުކީގެ ފިލްމީ އުފެއްދުންތައް މިވަނީ ސޯމާލިއާގައި ކުރި ހޯދައިފައެވެ.

ތުރުކީގެ ފިލްމީ ދާއިރާއަށް ދީފައިވާ ނަމަކީ ޔެޝިލްޗަމް އެވެ. ސޯމާލިއާގައި ތުރުކީގެ ފިލްމުތަކަށާއި ޑްރާމާތަކަށް އޮތް ތަރުހީބުގެ ބޮޑުކަމުން ވަގުތީ ސިނަމާތައްވެސް ވަނީ ހަދައިފައެވެ. ތުރުކީ ފިލްމުތައް ސޯމާލިއާ ބަހަށް ތަރުޖަމާކުރުުންވެސް މިހާރުވަނީ ބޮޑު ވިޔަފާރިއަކަށް ވެފައެވެ.

ކޮންމެ ދުވަހެއްގެވެސް ހަވީރުގެ ވަގުތަކީ ސޯމާލިއާގެ އާއިލާތައް ޓީވީތައް ދޮށަށް ޖަމާވާ ވަގުތެވެ.

މި ފިލްމުތައް ބަލާ މީހުން ބުނާގޮތުގައި ފިލްމު ބަލާއިރު އިހުސާސްވަނީ އެމީހުންނަކީވެސް އެ ފިލްމުގެ ވާހަކައިގެ ބައެއްގެ ކަމަށެވެ.

ހިންދީ ޑްރާމާތަކާ އެއްގޮތަށް ތުރުކީ ޑްރާމާތަކުގައި ޓްވިސްޓުތަކާއި އިމޯޝަންތައް ވަރުގަދަ ކަމަށް ސޯމާލިއާ ރައްޔިތުން ބުނެއެވެ.

ސޯމާލިއާގައި ތުރުކީގެ ފިލްމުތައް މަޝްހޫރުވެފައި ވަނީ ދެގައުމުގެ ގުޅުން 2011 ވަނަ އަހަރު ވަރުގަދަ ކުރި ފަހުންނެވެ.

ސޯމާލިއާގައި މުނިފޫހިފިލުވުމުގެ މިފަދަ ކަންކަން އިތުރުވެފައިވާތީ، ދީނީ ފަރާތްތަކުން ބުނަނީ ތުރުކީ ފިލްމުތައް ބަލަން ފެށިފަހުން އެގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވެއްޖެ ކަމަށެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް