ޓޫރިޒަމަށް ވަމުންދާ ގެއްލުންތައް ފޫބައްދަން މަޓާޓޯއިން ބޮޑެތި މަސައްކަތްތަކެއް ފަށަނީ

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ޓޫރިޒަމަށް ކުރިމަތިވަމުންދާ ގެއްލުންތައް މަދުކޮށް، ފޫބެއްދުމަށްޓަކައި މަޓާޓޯއިން މަސައްކަތްތަކެއް ކުރުމަށް ނިންމައިފިއެވެ.

ސިޔާސީ ހަލަބޮލިކަމާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ރާއްޖެއާ ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީ ނެރެމުންނެވެ. އަދި ރާއްޖެއާ ގުޅޭގޮތުން ބައިނަލްއަގުވާމީ މީޑިއާގައި ޚަބަރުތައް ފަތުރަމުން ދަނީ ވަރަށް ނެގަޓިވްކޮށެވެ.

ބައެއް ފަރާތްތަކުން ދަނީ ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަދާފައިވާ ބުކިންގްތައް ވެސް ކެންސަލް ކުރަމުންނެވެ.

ރާއްޖޭގެ ޓްރެވަލް އޭޖަންޓުންގެ އެންމެ ބޮޑު ޖަމިއްޔާ މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޓާޓޯއިން މަސައްކަތް ކުރަމުން ދަނީ މިކަންކަން ފޫބެއްދުމަށް ކަމަށެވެ.

އެގޮތުން، ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި ޓްރެވަލް ޖަމިއްޔާތަކާ ވާހަކަދައްކައިގެން، ކެންސަލޭޝަންތައް މަދުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޓާޓޯއިން ބުންޏެވެ.

"ރާއްޖޭގެ ހާލަތާ ގުޅިގެން އޮތް ނެގަޓިވް ޕްރެސް ހެދި، ރާއްޖެ އައުމަށް ޖެހިލުންވެ ކެންސަލޭޝަން ހަދަމުންދަނީ. މިކަންކަން މަދުކުރުމަށް މަޓާޓޯއިން މިދަނީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން،" މަޓާޓޯގެ ބަޔާނުގައި ވެއެވެ.

މަޓާޓޯއިން ބުނީ މި ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަރުކާރުން އިތުރަށް ޚަރަދުތަކާއި މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ޓޫރިޒަމަށް ވަމުންދާ ގެއްލުންތަކުގެ ނޭދެވޭ އަސަރު، ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނަށް ވަރަށް ބޮޑަށް ކުރާނެކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

"ގިނަ ރިސޯޓުތަކަށް ދާ ފަތުރުވެރިންގެ 25 ޕަސަންޓާ 40 ޕަސަންޓާ ދެމެދަކީ، ރާއްޖޭގެ ލޯކަލް އޭޖެންޓުން މެދުވެރިކޮށް އެތަންތަނަށް ދާ މީހުން. އެހެންކަމުން މި ހާލަތުގެ ނޭދެވޭ އަސަރު ރާއްޖޭގެ އޭޖެންޓުންނަށް ވެސް ކުރާނެ،" މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބުނީ އެޖަމިއްޔާއިން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކުރާ މަސައްކަތްތައް ދެގުނައަށް އިތުރުކުރުމަށް އެޖަމިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ.

"މި ޖަމިއްޔާއިން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު މާކެޓިންގް ހަރަކާތްތައް އިއުލާނުކުރާނަން. އެކަމަކު ޕީއާރުގެ ދާއިރާއިން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލާން އިތުރު ހިތްވަރު ބޭނުންވާނެ. އެގޮތުން އިސްތިހާރުކުރުން ވަރުގަދަކޮށް، ފަތުރުވެރިންނާ ހަމައަށް އެންމެ ސައްހަ މައުލޫމާތު ފޯރުކޮށްދޭން އެބަ ޖެހޭ،" މަޓާޓޯއިން ބުންޏެވެ.

comment ކޮމެންޓް