30 ގައިދީއަކަށް މަސައްކަތްކުރުމުގެ ފުރުސަތު ސްޓެލްކޯއިން ދީފި

30 ގައިދީއަކަށް މަސައްކަތްކުރުމެގެ ފުރުސަތު ހޯދައިދިނުމަށް ސްޓެލްކޯއާއެކު ބޭއްވި ރަސްމިއްޔާތުގައި ތެރެއިން-- ފޮޓޯ: ސްޓެލްކޯ

އެކި ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ 30 ގައިދީއަކަށް މަސައްކަތްކުރުމުގެ ފުރުސަތު ސްޓެލްކޯއިން ދީފިއެވެ.

ގައިދީންނަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ އިންޖީނުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ސްޓެލްކޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރުއެވެ. އަދި ކަރެކްޝަނަލް ސާވިސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އެވެ.

މިއީ އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ވެވުނު އެއްބަސްވުމެކެވެ.

30 ގައިދީއަކަށް މަސައްކަތްކުރުމެގެ ފުރުސަތު ހޯދައިދިނުމަށް ސްޓެލްކޯއާއެކު ބޭއްވި ރަސްމިއްޔާތުގައި ތެރެއިން-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޒުހޫރު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން މަސައްކަތްކުރުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި އަޚްލާގު ރަނގަޅު ގައިދީންނަށް ކަމަށެވެ. އަދި ގައދީން ލައްވައި، ކޭބަލް ވަޅުލުމާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަފާތު މަސައްކަތްކުރުމުގެ ފުުރުސަތު ލިބެގެން ދާނެ ކަމަށެެވެ.

މަސައްކަތްކުރުމުގެ ފުރުސަތު ދޭ ގައިދީންނަށް ދުވާލަކަށް 150-100 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮޕް ޕްރިޒަންސް ޝިހާން ވިދާޅުވީ އެ އެއްބަސްވުމަކީ ގައިދީންނަށް ރަނގަޅު ކުރިމަގެއް ހޯދައިނުމުގެ ގޮތުން އިފްތިތާހު ކުރި ޕްރޮގްރާމެއް ކަމަށެވެ.

"ގައިދީން ޖަލުގައި ހޭދަކުރާވަގުތު ހެޔޮގޮތުގައި ހިފުމާ އެމީހުންނަށް ކޮންމެވެސް ކަހަލަ ހުނަރެއް ދަސްކޮށްދީ، ގައިދީން ހުކުމް ތަންފީޒުކޮށްގެން މުޖުތަމައުއަށް ނުކުންނަނައިރު އެމީހުންނަށް ވަޒީފާއެއް ހޯދުމުގެ ފުރުސަތުވެސް ތަނަވަސްވެގެންދާނެ،" ޝިހާން ވިދާޅުވިއެވެ.

ޝިހާން ވިދާޅުވީ، މަސައްކަތްކުރުމުގެ ފުރުސަތު ދޭ ގައިދީން ތިބޭނީ ހުޅުމާލެ ޖަލުގައި ކަމަށެވެ.

comment ކޮމެންޓް