މަޝްވަރާގައި އދ. ބައިވެރިވުމަށް ސަރުކާރުން ދެކޮޅެއް ނުހަދަން: ޝައިނީ

ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ --- ސަންފޮޓޯ// ފަޔާޒު މޫސާ

އިދިކޮޅު ސިޔާސީ ޕާޓީތަކާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އދ. ބައިވެރިވުމަށް ސަރުކާރުން ދެކޮޅު ނުހަދާ ކަމަށް މަޝްވަރާގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހަހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ އެކު މަޝްވަރާ ކުރާ ނަމަ އދ. މެދުވެރިއަކަށް ހަދައިގެން ނޫނީ މަޝްވަރާއަށް ނުދާނެ ކަމަށް ބުނެ ޝަރުތުތަކެއް ވަނީ ކުރިމަތި ކުރުވައިފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި މިއަދު އދ.ގެ ތަރުޖަމާނާ ހަވާލާދީ ސަރުކާރުން އދ. ބައިވެރިކޮށްގެން މަޝްވަރާކުރަން ބޭނުން ނުވާ ކަމަށް އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝައިނީ 'ސަން' އަށް ވިދާޅުވީ މަޝްވަރާތަކުގައި އދ. ބައިވެރިވުމާ މެދު ސަރުކާރުން ދެކޮޅު ނުހަދާ ކަމަށެވެ. ސަރުކާރުން މިހާރު ވެސް އދ. އާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ރައީސް ޔާމީން އެދިލެއްވި އެދިލެއްވުމަކަށް އދ. އިން ދަނީ ހަމަ ސަރުކާރާ ވަރަށް ގާތްކޮށް ރާއްޖޭގެ ކަންކަމުގައި މަސައްކަތް ކުރަމުން. މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު ވެސް މަޝްވަރާ ކުރެވެމުން ދަނީ،" ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާގައި އިށީނުމުގެ ކުރިން ޝަރުތުތަކެއް ކުރިމަތި ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި މިހާރު ރާއްޖޭގެ މަސްރަހު އޮތް ގޮތުން ހައްލެއް ހޯދޭނީ ސީދާ ޕާޓީތަކާ އެކު މަޝްވަރާކޮށްގެން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އދ. ބައިވެރިވެގެން މަޝްވަރާތައް ކުރިއަށްދާނެ ސިނާރިއޯއެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު އދ. އަށް އަބަދު ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

މަޝްވަރާތަކުގައި އިށީނުމަށް ޕާޓީތަކަށް ދިން ދައުވަތަށް އިޖާބަ ނުދީ ޝަރުތުތައް ކުރިމަތި ކުރުވާތީ ޝައިނީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފައި ވަނީ މިހާރު އިދިކޮޅުން ރައީސް ޔާމީނާ އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާއަށް ދާ ނަމަވެސް މިހާރު ސްޓޭޓް އޮފް އިމަޖެންސީއާ ގުޅިގެން ހައްޔަރު ކުރި ހުރިހާ ހައްޔަރީން ދޫކޮށް ނުލަނީސް މަޝްވަރާއަށް ނުދާނެ ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި އެވެ.

އިދިކޮޅުން ހުށަހެޅި ޝަރުތުތައް

  • މަޝްވަރާތަކުގައި އދ. މީޑިއޭޓަރެއްގެ ބައި އަދާކުރުން.
  • މަޝްވަރާ ފެށުމުގެ ކުރިން ގާނޫނު އަސާސީގެ ތެރެއަށް ސަރުކާރު ވަންނަން ޖެހޭ.
  • ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ކުރި ހުކުމް ވަގުތުން ތަންފީޒު ކުރުން.
  • ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށްލައި އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓު ހިންގަން ފެށުން.
  • ސްޓޭޓް އޮފް އިމަޖެންސީގައި ހައްޔަރު ކުރި މީހުން ވަގުތުން ދޫކޮށްލުން.

"މި ސަރުކާރާ ސީދާ ވާހަކަ ދައްކައިގެން ނުކުންނާނެ ނަތީޖާއެއް އޮތް ކަމަށް ގަބޫލެއް ނުކުރަން. ރައީސް ޔާމީނަކީ އިތުބާރު ކުރެވޭ މީހެއް ނޫން." އިބޫ ވިދާޅުވި އެވެ.

comment ކޮމެންޓް