ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އިތުރަށް ދަށަށް ހިނގައްޖެ

ސީޕީއައިގައި ރާއްޖެ ވަނީ 17 ދަރަޖަ ދަށަށް ޖެހިފައި --

ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު ދައްކައި ދިނުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި މަތީ ދަރަޖައަކަށް ކޮރަޕްޝަން އަށަގަނެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

އެއިންޑެކްސްގައި ތަފާތު ގައުމުތައް ގިންތި ކުރަނީ 0 އާއި 100 އާ ދޭތެރޭގެ ސްކޯއަކުންނެވެ. އަދި އެ ގައުމަކަށް ލިބޭ ސްކޯ ދަށްވަމުންދާ ނަމަ އެއީ ކޮރަޕްޝަން އިތުރުވަމުންދާ ގައުމެކެވެ.

އެގޮތުން 2016 ވަނަ އަހަރު ރާއްޖެ އޮތީ 35 ޕޮއިންޓާ އެކު 95 ވަނައިގައި ނަމަވެސް މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖެ އޮތީ 33 ޕޮއިންޓާ އެކު 112 ވަނައިގަ އެވެ. އެހެންކަމުން މިދިޔަ އަހަރު ރާއްޖެ ވަނީ ސީޕީއައިގައި 17 ދަރަޖަ ދަށަށް ގޮސްފަ އެވެ.

މިދިޔަ އަހަރުގެ ސީޕީއައިގައި ހިމެނެނީ 180 ގައުމެވެ. އޭގެ ތެރެއިން ތިން ބައިކުޅަ އެއްބައި ގައުމަށް ލިބިފައި ވަނީ 50 އަށް ވުރެ ދަށް ޕޮއިންޓެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ އިރު އޭގެ އިން ދައްކުވައި ދެނީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ރާއްޖެއަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.

މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖެއާ އެއްވަރަށް ޕޮއިންޓު ލިބުނު ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ބޮލިވިއާ އަދި އެލް ސެލްވެޑޯ ހިމެނެ އެވެ. އަދި އެންމެ ކޮރަޕްޓް ގައުމުތަކުގެ ތެރޭގައި ސީރިއާ، ސައުތު ސޫދާން އަދި ސޯމާލިއާ ހިމެނޭ އިރު ކޮރަޕްޝަން އެންމެ މަދު ގައުމުތަކުގެ ތެރޭގައި ނިއު ޒީލޭންޑާއި ޑެންމާކާއި ފިންލޭންޑް ހިމެނެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބާޔަނުގައިވާ ގޮތުން ސީޕީއައިއިން ދައްކައިދެނީ ރާއްޖޭގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރުގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަން ކަމާއި ޖަމްއިއްޔާ ޖަމާއަތްތައް މަސައްކަތް ކުރުމަށް އޮތް ފުރުސަތު ރާއްޖޭގައި ހަނިވެފައިވާ މިންވަރެވެ.

ސީޕީއައި ހެދުމަށް ރާއްޖެއާ ބެހޭ މައުލޫމާތު ހޯދާފައި ވަނީ ވޯލްޑް ބޭންކް ސީއައިޕީ އާއި ގުލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިން އާއި ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް