ވިކްޓްރީއަށް ސްޕެއިންގެ ޑިފެންޑަރަކާއި ހަންގޭރީގެ ފޯވަޑެއް

ވިކްޓްރީއަށް މިއަދު ސޮއުކުރި ދެ ކުޅުންތެރިންނާއެކު އެޓީމުގެ ކޯޗު ލާޒްލޯ ކިސް އަދި މެނޭޖަރު އަހުމަދު ގާލިބު ---

ސްޕެއިންގެ ޑިފެންޑަރަކާއި ހަންގޭރީގެ ފޯވަޑެއް ވިކްޓްރީ ސްޕޯޓްސް ކްލަބާ ގުޅިއްޖެއެވެ.

ވިކްޓްރީއާ ގުޅުނު ދެ ކުޅުންތެރިންވެސް މިއަދުވަނީ ރާއްޖެ އައިސްފައެވެ.

މި ސީޒަނަށް ތައްޔާރުވަމުންދާ ވިކްޓްރީއަށް މިއަދު ގެނައި ޑިފެންޑަރަކީ އުމުރުން 30 އަހަރުގެ ވަކީން ކާލޯސް ކަނޭސް ގާސިއާ (ވޯކޯ) އެވެ.

ވޯކޯއަކީ އޭޝިއާ ފުޓުބޯޅައިގެ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ. 2013 ވަނަ އަހަރު ފިލިޕީންސްގެ ފުރަތަމަ ޑިވިޝަން ޓީމު، ސްޓޭލިއަން އެފްސީއަށް ކުޅެ ވޯކޯވަނީ އޭޓީމާއެކު ފިލިޕީންސް ލީގު ކަޕު އުފުލާލައިފައެވެ.

އެ ސީޒަން ނިންމާލުމަށްފަހު ފިލިޕީންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން، އެފްސީ މެރަލްކޯ މެނިލާއަށް ސޮއިކުރި ވޯކޯވަނީ އެޓީމަށް 52 މެޗު ކުޅެދީފައެވެ. މިދިޔަ އަހަރު ލީގު ހޯދި ސްކޮޑުގައި ވޯކޯ ހިނމެނިފައެއް ނުވެއެވެ. އޭނާ ވިކްޓްރީއާ ގުޅުނުއިރު ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ.

މިއަދު ވިކްޓްރީއާ ގުޅުނު އުމުރުން 23 އަހަރުގެ ސޯދާސް ސައިމަންއަކީ ވިކްޓްރީގެ ކޯޗު، ލާޒްލޯ ކިސް ނިތްބަތްވާ ގައުމު ހަންގޭރީގެ ކުޅުންތެރިއެކެވެ.

ސައިމަންވަނީ ހަންގޭރީގެ ދެވަނަ ޑިވިޝަން ޓީމުތައް ކަމަށްވާ އެފްސީ އަޖްކާއާއި ސެގްލެޑީ ވީއެސްޖީ އަދި އަކްވިޓަލް އެފްސީ ސަކްވާރު ފަދަ ކްލަބުތަކަށް ކުޅެފައެވެ.

ވިކްޓްރީއާ އަލަށް ގުޅުނު ދެ ކުޅުންތެރިންވެސް 'ސަން ސްޕޯޓްސް'އާ ވާހަކަ ދައްކަމުން ބުނެފައިވަނީ ރާއްޖޭގައި ކުޅެލުމަކީ ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ. އަދި ސްޕެއިންގެ ޑިފެންޑަރު ވޯކޯ ބުނެފައިވަނީ އޭޝިއާގެ ތަޖުރިބާ ހުރުމަކީ ލިބޭ ހިތްވަރެއް ކަމަށާއި، ރާއްޖޭގެ މިހާރުވެސް ގިނަ ސްޕެއިން ކުޅުންތެރިންތަކެއް ކުޅޭކަން އެނގޭ ކަމަށެވެ.

މިއަދު ސޮއިކުރި ކުޅުންތެރިންގެ އިތުރުން ދެން މި ސީޒަންގައި ވިކްޓްރީގައި މިވަގުތު ހުރި ބިދޭސީ ކުޅުންތެރިއަކީ ސްޕެއިންގެ އެންހަލް ކަރެސްކޯ މުނޯޒެވެ. ވިކްޓްރީން ބުނެފައިވަނީ ސީޒަންގައި ހަތަރުވަނަ ބިދޭސީ ކުޅުންތެރިއަކުވެސް ޓީމުން ފެންނާނެ ކަމަށެވެ.

އަންނަ އާދީއްތަ ދުވަހު ސީޒަން ފަށާއިރު، ވިކްޓްރީއަށް މި ސީޒަންގައި އިރުޝާދު ދޭނީ ކުރިންވެސް އެޓީމަށް އިރުޝާދު ދިން ހަންގޭރީގެ ކޯޗު، ލާޒްލޯ ކިސްއެވެ.

comment ކޮމެންޓް