ނަވާޒް ޝަރީފަށް ޕާޓީގެ ލީޑަރުކަން ނުކުރެވޭނެ ކަމަށް ކޯޓުން ނިންމައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ޕާޓީގެ ލީޑަރު ކަމުން ދުރުކޮށްފައި -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (ފެބްރުއަރީ 22): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އޭނާގެ ޕާޓީގެ ލީޑަރުކަން ނުކުރެވޭނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން ނަވާޒް ޝަރީފް ވެރިކަމުން ދުރުކޮށްފައިވުމުން ސިޔާސީ ޕާޓީއެއްގެ ލީޑަރުކަން ވެސް އޭނާއަށް އަދާ ނުކުރެވޭނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމުން ދުރުކުރީ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ޝަރީއަތް ފަށާފައިވީ ނަމަވެސް ނަވާޒް ޝަރީފް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފައި އެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ މެޖޯރިޓޯ އޮންނަނީ ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީއަށެވެ. އަދި އެޕާޓީން ދަނީ ކުރިއަށް އޮތް ސެނެޓް އިލެކްޝަންސްގައި ވެސް މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. (ބީބީސީ)

comment ކޮމެންޓް