ޑެހެއާގެ މޮޅު ކުޅުމާއެކު ޔުނައިޓެޑް ސަލާމަތްވެއްޖެ

ރޭގެ މެޗުގައި ޔުނައިޓެޑަށް މޮޅު ކުޅުމެއް ދެއްކި ޑޭވިޑް ޑެހެއާ --- ފޮޓޯ/ އޭޕީ

ސްޕެއިންގެ ގޯލް ކީޕަރު، ޑޭވިޑް ޑެހެއާގެ މޮޅު ކުޅުމާއެކު މެންޗެސްޓާ ޔުނައިޓެޑުން އަވޭ މެޗުގައި ސެވިއްޔާ ހިފަހައްޓައިފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޔުނައިޓެޑް އަދި ސެވިއްޔާ ވާދަކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގައި ޔުނައިޓެޑްގެ ކީޕަރު ޑެހެއާވަނީ އަށް ހަމަލާއެއް ދިފާއުކޮށްފައެވެ.

ހޯޒޭ މޮރީނިއޯ: މޮރީނިއޯވަނީ އޭނާގެ ކެރިއަރުގައި ދެ ޓީމަކާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައިވެސް ޑެހެއާގެ ފަރާތުން ދެ ސޭވްއެއް ފެނިގެން ދިޔައެވެ. އޭނާވަނީ ސެވިއްޔާގެ ޖޮކީން ކޮރެއާއާއި ސްޓީވަން އެންޒޯންޒީގެ ބާރު ދެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ފަރާތުންވެސް ދެ ހަމަލާއެއް ފެނިގެން ދިޔައެވެ. އެގޮތުން އެޓީމުގެ ބެލްޖިއަމް ފޯވަޑް، ރޮމެލޫ ލުކާކޫއަށް ލިބުނު ފުރުސަތު އޭނާ ނަގާލިއިރު، ޒުވާން މިޑްފީލްޑަރު ސްކޮޓް މެކް ޓޮމިނޭގެ ހަމަލާގެ ހުރަހަކަށްވީ ސެވިއްޔާގެ ކީޕަރު ސާޖިއޯ ރީކޯއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފް ނިމެންދަނިކޮށް ސެވިއްޔާގެ ފޯވަޑް ލުއިސް މުރިއެލް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާގެ ހުރަހަކަށްވެސް ވެފައިވަނީ ޑެހެއާއެވެ.

މެޗުގެ ދެވަނަ ހާފްވެސް ޑޮމިނޭޓްކޮށް ކުޅުނީ ސެވިއްޔާއިންނެވެ. އެހެން ނަމަވެސް ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުވެ އެޓީމަށް ޖެހުނީ 0-0 ގެ ނަތީޖާއަކުން ފުއްދައިލާށެވެ.

ސެވިއްޔާ އަދި ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން: މެޗުގައި ލުކާކޫގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް --- ފޮޓޯ/ އޭޕީ

ޔުނައިޓެޑާއި ސެވިއްޔާ ވާދަކުރާ ދެވަނަ ލެގު އަންނަ މަހު 13 ވަނަ ދުވަހު އޮންނާނީ އޯލްޑް ޓްރެފޯޑުގައެވެ.

comment ކޮމެންޓް