މިއަހަރު 24 ރިސޯޓެއް ހުޅުވޭނެ: ރައީސް ޔާމީން

2018 ވަނަ އަހަރު މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ރަށްރަށުގެ ތެރެއިން 24 ރަށެއް މި އަހަރު ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

މިރޭ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން މި އަހަަރު އަލަށް ހުޅުވޭ ދެ ހޮޓަލާ އެކު އެނދުގެ އަދަދު 5300 އަށްވުރެ އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު 9671 އަކަށް މިދިޔަ އަހަރު އަރާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"2017 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވް 586.2 މިލިއަން އެމެރިކާ ޑޮލަރު. މިއަހަރު އެ އަދަދު 600 މިލިއަނަށް ވުރެ މައްޗަށް އިތުރުވެގެންދާނެ،" ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 1.6 ބިލިއަން ރުފިޔާގެ އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ގޮތަށް ފަތުރުވެރި ކަމުގެ ދާއިރާއިން 40 ފޮރިން އިންވެސްޓްމެންޓެއް 2017 އަހަރު ރެޖިސްޓްރީ ކޮށްދެވިފައި ވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތް ފިޔަވައި އެހެން ސިނާއަތްތަކުން 1.8 ބިލިއަން އެމްރިކާ ޑޮލަރު ކުރިއަށް އޮތް ފަސް އަހަރު އިންވެސްޓް ކުރާގޮތަށް 50 އިންވެސްޓްމެންޓެއް ރެޖިސްޓްރީކޮށްދެވިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފީސިބިލިޓީ އާއި މާސްޓާ ޕްލޭން މިހާރު ނިމިފައިވާކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އަދި މާލެ އަތޮޅުގައި 27 ފަޅެއް ތަރައްގީ ކުރުމަށް އާންމު ފަރާތްތަކަށް ދޫކުރެވިފައިވާ ކަމަށް ވިދަޅުވީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މާލެ އަތޮޅުން ފަސް ފަޅެއް ހިކުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ މަޝްރޫއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިދެންނެވި ފަޅުތައް ތަރައްގީކޮށް ނިމުމުން 47،000 ވަޒީފާ އުފެދިގެން ދާނެ. އިރާދަކުރެއްވިޔާ މި ފަޅުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

މިސަރުކާރަކީ ދިވެހިންގެ ހިދުމަތުގައި އޮތް ސަރުކާރެއް ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކުރިއަށްއޮތްތަނުގައިވެސް ސަރުކާރުގެ އަމާޒަކީ ގައުމީ ތަރައްގީ ވަޒަން ކުރާ މިންގަނޑަކީ ރައްޔިތުންގެ އުފަލާ ހިތްހަމަޖެހުންކަން ގަބޫލުކޮށްގެން ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރުން ކަމަށެވެ.

comment ކޮމެންޓް