އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ދޭން ފެށޭނެ: ރައީސް

އީސީސީ ސަރަހައްދު: އީސީސީގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ވަނީ ނިންމާފައި

އައްޑޫ ސިޓީގައި ގާއިމް ކުރެވޭ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ދޭންފެށޭނެ ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ނިމޭއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި، ފަސް އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މޯޗަރީ އަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ކުރިން ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މީގެ ކުރިން ވިދާޅުވީ އީސީސީގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ހޮސްޕިޓަލަށް 20.9 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާ ނަމަ 322.3 މިލިއަން ރުފިޔާ އެވެ.

މިނިސްޓަރު މުނައްވަރު ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ސައުދީ ފަންޑުން 12.5 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޯޕެކް ފަންޑުން 8.4 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ.

މިރޭގެ ރިޔާސީ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވީ 25 ބުރިއަށް އިމާރާތް ކުރާ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް މި އަހަރުގެ ތެރޭގައި ފެށި، އިތުރު ހިދުމަތްތައް އިތުރުކުރެވިގެން ދާނެ ކަމަށެވެ. މިއާއެކު އައިޖީއެމްއެޗް އެނދުގެ ކެޕޭސިޓީ 500އަށް އިތުރު ވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް