ފީފާ ފެންވަރު ފުޓްބޯޅަ ސްޓޭޑިއަމެއް މިއަހަރު ހުޅުމާލޭގައި ގާއިމް ކުރެވޭނެ: ރައީސް

ހުޅުމާލޭ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އެޗްޑީސީ

ފީފާ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއް މިއަހަރު ހުޅުމާލޭގައި ގާއިމު ކުރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުއްވައިދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމެއް އަޅައިދޭނެ ކަމުގެ ޔަގީންކަން 2016 ވަނަ އަހަރު ގަތަރުން ދީފައިވެއެވެ.

ސްޓޭޑިއަމް އެޅުމާ ގުޅިގެން ގަތަރުގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމްއެއް އަޅައިދޭން ގަތަރު ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ސްޓޭޑިއަމް 2022 ގެ ކުރިން އަޅައިދޭނެ ކަމަށެވެ.

މިދިޔަ އަހަރު ތެރޭގައި އެޗްޑީސީން ވަނީ ސްޓޭޑިއަމްގެ ކޮންސެޕްޓް ޑިޒައިނިން ނިމިފައިވާ ކަމަށް ބުނެފައެވެ. ސްޓޭޑިއަމް އެޅުމުގެ ވާހަކަ 2015 ވަނަ އަހަރު، އޭރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި، މުހައްމަދު ޝަވީދުވަނީ އިއުލާންކޮށްފައެވެ. އެ ސްޓޭޑިއަމްގެ މަސައްކަތް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިމޭނެ ކަމަށް ޝަވީދު އޭރު ވިދާޅުވި ނަމަވެސް އެކި ކަންކަމާހުރެ ސްޓޭޑިއަމްގެ އަމަލީ މަސައްކަތް އަދި ވަނީ ނުފެށިއެވެ.

މިދިޔަ އަހަރު ރާއްޖެއާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ސްޓޭޑިއަމްގެ މަސައްކަތާމެދު ސުވާލު އުފެދުނު ނަމަވެސް، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމެއް މި ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާނެ ކަމަށެވެ.

ހުޅުމާލޭގައި ގަތަރު ސަރުކާރުން އިންޓަނޭޝަނަލް ސްޓޭޑިއަމްއެއް އަޅަން ނިންމާފައިވާކަން މިދިޔަ އަހަރު އުރީދޫ މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރު އިއުލާންކޮށްފައެވެ.

އުރީދޫގެ ކުރީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައި ވަނީ ގަތަރު ސަރުކާރުގެ ފަރާތުން އަޅާ ސްޓޭޑިއަމްގެ ކަންކަން ހަމަޖެއްސުމުގައި، ރާއްޖެއިން ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ އެހީތެރިކަމަށް އޭނާގެ އަރިހުން އަބަދާއި އަބަދު އެ ގައުމުގެ ވިޔަފާރިވެރިޔާ ޝައިޚް އަބްދުﷲ ބިން ނަސީރު ބިން އަބްދުﷲ އަލް އަހުމަދު އަލް ސާނީ އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށެވެ.

comment ކޮމެންޓް